އެމްޓީސީސީއިން "ހުނަވަރު" ގެ ނަމުގައި އަލަށް ސްކޫލް ނިންމާ ވަޒީފާގެ މާހައުލަށް ނިކުންނަށް ޒުވާނުންނަށް ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ އަސާސީ ހުނަރު އާލާކުރުމާއިއެކު ޒުވާނުން ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުސަތު ހުޅުވާލަ ދިނުމުގެ މަގްސަދުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް މިއަދު ތައާރަފްކޮށްފިއެވެ.
އަހަރަކު 8000 އެއްހާ ދަރިވަރުން ސްކޫލް ނިންމާ ވަޒީފާގެ މާހައުލަށް ނިކުތް ނަމަވެސް ވަޒީފާގެ މާހައުލަށް ބޭނުންވާ މުހިންމު ބައެއް ދާއިރާތަކުން މީހުން ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް
ހައްލެއް ހޯދުމުގެ މަޤްސަދުގައި އެމްޓީސީސީއިން ތަޢާރަފްކުރި މި ޕްރޮގްރާމްގެ ތެރެއިން ހެވީ ވެހިކަލް އޮޕަރޭޓްކުރުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި، އިންޖިނިއަރިން، ވެލްޑިން، ޑްރެޖިން އަދި އެންވަޔަރމެންޓަލްސާވޭއިންގެ ދާއިރާއިން ގިނަ ބައިވެރިންތަކެއްތަމްރީނުކުރެވިގެންދާނެއެވެ. މި ދާއިރާތަކަކީ ވަޒީފާގެ ފުރުސަތުތައް ފަހިވެފައިވާ އަދި ކުރިޔަށް ދިއުމުގެ މަގު ތަނަވަސްވެފައިވާ ދާއިރާތަކެކެވެ.
ހަފްތާއަކު 48 ގަޑިއިރުގެ އަމަލީ ތަޖުރިބާ، ފަންނީ ހުނަރާއިއެކު ލިބިގެންދާނެ ފަދަ ގޮތަކަށް ބައްޓަންކުރެވިފައިވާ މި ޕްރޮގްރާމްގެ ދަށުން ކޮންމެ ބައިވެރިޔަކަށް 5000 ރުފިޔާގެ އެލަވެންސްއެއް ދެވޭނެއެވެ. މިޕްރޮގްރާމްގެ ދަށުން200 އަށްވުރެ ގިނަ ބައިވެރިން ފުރަތަމަ އަހަރު ތަމްރީނު ކުރެވޭއިރު، ކޮންމެ ބައިވެރިއަކަށްވެސް ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ސަނަދު ލިބުމާއިއެކު ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.
2017 ވަނަ އަހަރު މި ކުންފުންޏަށް ގެނެވުނު މަހާ ޖައްރާފާއިއެކު ފަޅުހިއްކުމުގެ ދާއިރާ އާއި ބޯޓްދަތުރުކުރުމުގެ ދާއިރާއިން ކުރިއަށް ދިއުމަށްވެސް މިވަނީ އާ ފުރުސަތުތަކެއް ހުޅުވިގެންގޮސްފައެވެ. މީގެ އިތުރުންވެލްޑިންގ ދާއިރާއަކީވެސް ކުރިއަށް ދިއުމަށް ތަނަވަސް ފުރުސަތުތަކެއް ހުޅުވިފައިވާ ދާއިރާއެކެވެ. އެމްޓީސީސީއިން އަލަށް ހުޅުވުނު ބޯޓްޔާޑްގެ ސަބަބުން މިދާއިރާއިން ކްލާސް ވެލްޑަރުންނަށްވުމުގެ ފުރުސަތު ވަނީ ހުޅުވިގެންގޮސްފައެވެ. އުމްރާނީ އަދި އިގްތިސާދީ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާއިރު އެމަޝްރޫއުތަކަށް ބޭނުންވާ މެޝިނަރީ ތަކާއި އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ބަލަހައްޓާ މަރާމާތުކުރުމަށް އިންޖިނޭރުންނާއި އެއުޅަނދުފަހަރު ދުއްވާމީހުން ބޭނުންވެފައިވާ މި ދަނޑިވަޅުގައި ގިނަ ޒުވާނުންތަކަކަށް މަސައްކަތްތެރިކަމާއި ފަންނީ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރާއި ފުރުސަތުތައް ހުނަވަރު ޕްރޮގްރާމްގެ ތެރެއިން ލިބިގެންދާނެއެވެ.