މާލެއާއި ހުޅުލެ ގުޅުވާލާފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ރަސްމީ ދިވެހި ނަމަކީ "ސިނަމާލެ ބްރިޖް" ކަމުގައި ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބްރިޖުގެ ފޮޓޯއެއް ޙިއްސާ ކުރައްވާ މިއަދު ހައުސިން މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސީއެމްއެފްބީ ބްރިޖުގެ ރަސްމީ ދިވެހި ނަމަކީ "ސިނަމާލެ ބްރިޖް" ކަމަށެވެ.
މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ބްރިޖު ގުޅުވާލެވިފައިވާކަން ރަސްމީކޮށް ހާމަކުރައްވާފައިވަނީ، މިމަހުގެ ދިހަވަނަ ދުވަހު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މ. ދިއްގަރުގެ ބަނދަރު ހުޅުއްވާ ދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނެވެ.
"ސިނަމާލެ ބްރިޖު" ތަރައްޤީ ކުރުމަށް 220 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައިވެއެވެ. މިބްރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރ އަދި ފުޅާމިނުގައި 20.3 މީޓަރު ހުރެއެވެ. މީގެއިތުރުން ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި ސައިކަލްތަކަށް ވަކި ލޭނަލާއި ބައިސްކަލުތަކަށް އަދި ހިނގާފައި އުޅޭ ފަރާތްތަކަށް ފަރާތްތަކަށް ވެސް ވަކި ލޭނެއް ހިމެނެއެވެ.