ޖުމްހޫރީ ޕާޓީ، ޖޭޕީން ރަނިންގ މޭޓަކު ކަނޑައެޅުން 13 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް އެކަމުގެ ބައްދަލުވުން 13 ވަނަ ދުވހުގެ ރޭ 9:00 ގައި ބާއްވަން ނިންމައިފިއެވެ.
މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި އެގޮތަށް ނިންމީ ޕާޓީގެ ރައީސް ޢަލީ ވަޙީދު ހުށަހެޅުއްވި ހުށަހެޅުއްވުމަކާއި ގުޅިގެންނެވެ. ބަދަލު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެ ވޯޓުދިން 34 މެންބަރުންގެ ތާއީދާއިއެކުގައެވެ.
ޖޭޕީން ކުރިން ބުނެފައިވަނީ ރަނިންގ މޭޓަކު ހޮވާނީ 14 ވަނަ ދުވަހުގެ ރޭ ބާއްވާ ބައްދަލުވުމެއްގައި ކަމަށެވެ. ޖޭޕީގެ އިސް ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެފައިވަނީ ޕާޓީގެ ޤަވާއިދު އޮތް ގޮތުން އެންމެ އަވަހަށް ވެސް ގޮތެއް ނިންމޭނީ 13 ވަނަ ދުވަހު ކަމަށެވެ.
ޖޭޕީން ހޮވާނެ ރަނިންގ މޭޓަކީ ޕީޖީ ގްރޫޕުގެ މެންބަރު، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް ކަމަށް ބަލައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން މިއަދު ވަނީ ފައިޞަލަށް މަރުހަބާ ވިދާޅުވެފައެވެ.