ރަނިންގ މޭޓަކު ކަނޑައެޅާނީ 14 ވަނަ ދުވަހުގެ ރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ރަނިންގ މޭޓަކު ކަނޑައެޅާނީ 14 ވަނަ ދުވަހުގެ ރޭ!
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ވާދަކުރާނެ އިދިކޮޅު ފަރާތްތަކުގެ ރަނިންގ މޭޓު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އިއުލާނު ކުރާނެ ކަމަށް ޖުމްހުރީ ޕާޓީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ އިސް ޑިޕިޔުޓީ ލީޑަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވީ ރަނިންގ މޭޓަކަށް ވުމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 5 ދުވަހަށް ހުޅުވާލާނެ ކަމަށާއި 5 ދުވަސްތެރޭގައި ޝައުޤުވެރިކަން ހާމަކުރުމުން މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ކައުންސިލު ބައްދަލުވުމެއް ބާއްވައި ވޯޓު ނަގައި ރަނިންގ މޭޓް އިއުލާނު ކުރާނެ ކަމަށެވެ.

ޑރ. ޙުސައިން ވިދާޅުވީ މިގޮތަށް އަމަލުކުރަންޖެހެނީ ޕާޓީގެ ޤަވާއިދުގައި އެކަމަށް 5 ދުވަސް ދޭން އޮންނާތީ ކަމަށެވެ. އަދި ރަނިންގ މޭޓް އިއުލާނުކުރުމުގެ ކުރިން ކޯލިޝަން އެއްބަސްވުން ވެސް އެކުލަވައި ނިމޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޑރ. ޙުސައިން ވިދާޅުވީ މީގެ ކުރިއާއި ޚިލާފަށް މިފަހަރުގެ އެއްބަސްވުމަކީ ކުރިއަށް އެކުލަވާލާ އެއްބަސްވުމެއް ކަމަށާއި އެފަދަ އެއްބަސްވުމެއް އެކުލަވައިލުމުން ކުރިއަށް އޮތް 2 އިންތިޚާބުގައި ވެސް ގުޅިގެން މަސައްކަތްކުރަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވީ ޖޭޕީން ކަންކަން ނިންމަމުން ގެންދަނީ އިލެކްޝަންސް ކޮމިޝަނުން އިތުރު ސުވާލެއް ނުކުރެވޭނެ ގޮތަށް ކަމަށެވެ. "ކޮންމެ އިންތިޚާބަކާއި ގުޅިގެންވެސް ތަފާތު ވާހަކަތައް ދައްކާނެ ބައަކު އުޅޭނެ. ޖެޕީއަށްވެސް ދެއްކިދާނެ. ނަމަވެސް ޖޭޕީން އެފަދަ ކަންކަމެއް ނުކުރާނެ. ހުރިހާ ކަންކަން ވެސް ކުރަމުން ގެންދާނީ ވަރަށް ހަރުދަނާކޮށް ކަމަށެވެ.

ޑރ. ޙުސައިން ވިދާޅުވީ ގިނަ އަދަދެއްގެ މެންބަރުން ކޯލިޝަނުގައި ތިބުމުން ޚިޔާލުތަފާތުވުންތައް ހުންނާނެ ކަމަށާއި ނަމަވެސް ކޯލިޝަނުގައި ހިމެނޭ 4 ފަރާތުގެ މެދުގައި އެއްވެސް ޚިޔާލުތަފާތުވުމެއް ނެތް ކަމަށާއި ގުޅިގެން މަސައްކަތްކޮށް ﷲ ވާގިފުޅާއިއެކު އެއްބުރުން އިންތިޚާބު ކާމިޔާބުކުރާނެ ކަމަށެވެ.
މިއަދު އޮންލައިން