ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަނުވެގެން އުޅެނީ ޤާނޫނާއި ޚިލާފަށް މަޖިލީހުގެ 12 މެންބަރުން ފާރުމަތިން ހޫރާލީމަ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިޞަލް މިއަދު ވިދާޅުވީ މަޖިލިސް ހިންގުމުގައި މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުންގެ އަދަދު ހަމަނުވުމުގެ ޒިންމާ އުފުލަން އިދިކޮޅު މެންބަރުންނަށް ނުޖެހޭނެ ކަމަށެވެ.
ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން މިއަދު ވިދާޅުވެފައިވަނީ މަޖިލީހުގައި މިހާރު އުފެދިގެން އުޅޭ މައްސަލަތައް އުފެދިގެން އުޅެނީ ޤާނޫނާއި ޚިލާފަށް މަޖިލީހުން ކަންކަން ކުރާތީ ކަމަށާއި އެއިގެ ތެރޭގައި 12 މެންބަރުންގެ މައްސަލަ އާއި މަޖިލީހުގެ ރައީސް މަސީޙްގެ މައްސަލަވެސް ހިމެނޭ ކަމަށެވެ.
މިމައްސަލަތަކަށް ޑޮކްޓަރުންނަށް ދެވޭނެ ފަރުވާއެއް ނުއޮންނާނެ ކަމަށާއި މަޖިލީހުގެ ޖަލްސާގައި 43 މެންބަރުން ނެތި ފާސްކުރާ ކޮންމެ ފާސްކުރުމަކީވެސް ބާތިލު ފާސްކުރުމެއް ކަމަށްވެސް ޢަލީ ޙުސައިން ވަނީ ވިދާޅުވެފައެވެ.