ޕެރެޑައިޒް އައިލަންޑް ރިޒޯޓުގައި މާދަމާ ފަށަން ހަމަޖެހިފައިވާ ޖޭޕީ ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންނާއި ލީޑަރު ޤާސިމް އިބްރާހީމް ބައްދަލުކުރައްވަމުން އެބަގެންދައެވެ. މަންދޫބުންނާއި ޤާސިމް އިބްރާހީމް ބައްދަލުކުރައްވަމުން ގެންދަވަނީ އެކަމަށް ޚާއްޞަ އެޕެއް މެދުވެރިކޮށްގެންނެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންދަނީ މިއަދު ކުރިއަށް ގެންދާ ނުރަސްމީ ބައްދަލުވުންތަކުގެތެރެއިންނެވެ. ކޮންގްރެސްގައި ބައިވެރިވާ ހުރިހާ މަންދޫބުން މިއަދު ވަނީ ޕެރެޑައިޒް އައިލަންޑް ރިޒޯޓަށް ގޮސްފައެވެ.
ޖޭޕީގެ އިސް ތަރުޖަމާން ޢަލީ ޞާލިޙް މިރޭ ވިދާޅުވީ މާދަމާ ފަށާ ކޮންގްރެސް އަކީ ޕާޓީގެ 3 ވަނަ ޤައުމީ ކޮނގްރެސް ކަމަށްވާއިރު މި ކޮންގްރެސް އަކީ މިހައި ތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ފުރިހަމަ ބައްދަލުވުމަށް ވެގެންދާނެ ކަމަށެވެ.
ޢަލީ ޞާލިޙް ވިދާޅުވީ މާދަމާ ފަށާ ޤައުމީ ކޮންގްރެސްގައި އިންތިކާބުކުރަން ހަމަޖެހިފައިވާ މަޤާމުތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ވަރަށް ފޯރީގައި ކެންޕޭނު ކުރިއަށް ގެންދާ ކަމަށެވެ. "ވަކި ކެންޑިޑޭޓަކު އެއްވެސް މަޤާމަކަށް ހޮވުމަށް ޕާޓީން އެއްވެސް މަސައްކަތެއް ނުކުރާނެ. މެންބަރުންގެ ވޯޓުން މަޤާމުތަކަށް މެންބަރުން ހޮވާނީ." ޢަލީ ޞާލިޙް ވިދާޅުވިއެވެ.
ޢަލީ ޞާލިޙް ވިދާޅުވީ މިފަހަރަކީ ޖުމްހޫރީ ޕާޓީގެ ފަހަރު ކަމަށް ހެދުމަށް ޕާޓީން ކުރާ މަސައްކަތް ކޮންގްރެސް ތެރޭގައި ކުރިއަށް ގެންދާނެ ކަމަށާއި މެންބަރުންވެސް ތިބީ މިފަހަރަކީ ޖޭޕީގެ ފަހަރު ކަމަށް ހެދުމުގެ ފުރިހަމަ އަޒުމުގައި ކަމަށެވެ.