މާލެއިން ފުރައިގެން ދ. މީދޫ އަށް ދަތުރުކުރި "ގެލެކްސީ" ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއް ފަރަށް އަރައިފިއެވެ.
މިހާދިސާއާއި ގުޅޭ ގޮތުން އެމްއެންޑީއެފް އިން މައުލޫމާތު ދެމުން ބުނެފައިވަނީ، މާލެ އަތޮޅު އިތާފުށީގެ އިރު ދެކުނުން 1.5 ނޯޓިކަލް މޭލުގައި އޮންނަ ފަރަކަށް މިދޯނި އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ފަތިހު 4:15 ހާއިރު ކަމަށާއި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައި ކަމަށެވެ.
މިދޯނި ފަރަށް އެރުމާ ގުޅިގެން ދޯނީގެ ހަލްގަނޑަށް ގެއްލުން ލިބި ދިޔަ ވަމުންދިޔުމުން ދޯނީގައި ހުރި މުދާ ހުސް ކުރުމަށްޓަކައި، ގެލެކްސީ ދޯނީގެ ވެރި ފަރާތުން ހަމަޖެއްސި އިތުރު ދޯންޏެއް އެސަރަޙައްދަށް ގޮސް މުދާ ހުސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ގެލެކްސީ ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންދަނީ ކުރަމުންނެވެ.
މިހާދިސާ ހިނގިއިރު ދޯނީގައި ދެ ދިވެހިންނާއި ހަތަރު ބިދޭސީންނާއިއެކު ހަ މީހުން ތިއްބެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.