ރާއްޖޭގެ ލަވަކިޔުންތެރިޔާ އުމަރު ޒާހިރާއި އިތުރު ދެބޭފުޅަކު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިރޭ ސޮއި ކުރައްވައިފިއެވެ.
އުމަރު ޒާހިރާއި ފުލުހުންގެ އިދާރާގައި ޑީއެންއޭ އެނަލިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޗީފް އިންސްޕެކްޓަރ ޙުސެއިން އަމުރާއި ޤާނޫނީ ޢިލްމު ކިޔަވައި ދެއްވަމުން ގެންދަވާ ލެކްޗަރާއެއް ކަމުގައިވާ އިބްރާހިމް ހާފިޒު، ޖުމްހޫރީ ޕާޓީ އަށްސޮއި ކުރެއްވީ އެޕާޓީގެ މައި އޮފީސް ކަމުގައިވާ މ. ކުނޫޒް ގައި މިރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު މިތިން ބޭފުޅުންވަނީ އެބޭފުޅުންގެ މެމްބަރޝިޕް ފޯމު ޖޭޕީގެ ނައިބު ލީޑަރ އަބްދުﷲ ކަމާލުއްދީނާއި ހަވާލު ކުރައްވާފައެވެ.
އެތިން ބޭފުޅުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމާއި ގުޅިގެން އެޕާޓީގެ ނައިބު ލީޑަރު ވިދާޅުވީ މިފަދަ ޢިލްމީ އަދި ތަޖުރިބާކާރު ބޭފުޅުން ޖޭޕީ އާއި ގުޅިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ގިނަ ބަޔަކު ޖުމްހޫރީ ޕާޓީއާއި ގުޅެމުން ދިޔުމުގެ އަސްލަކި މިހާތަނަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ޕާޓީގެ މެންބަރުން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.