"ރޭއަޅުކަމުގަ ދެ ރެކްއަތުން ކުރާ ނަމާދުތަކުގަ އައްތަޙިއްޔާތު ކިޔާއިރު ބޮޑަށް ރަނގަޅީ މެދެ އައްތަޙިއްޔާތަށް އިންނަ ގޮތަށް އިނުމެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ ރޭ އަޅުކަމުގައި 2 ރަކްއަތުން ގިނަ ނަމާދުތަކެއް ކުރާތީ، ނުވަތަ 2 ރަކްއަތުން ސަލާމް ދެމުން ގިނަ ރަކްއަތްތަކެއް ކުރާތީ އެކަމާއި ގުޅިގެން މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
އައްތަޙިއްޔާތަށް އިންނަންވާ ގޮތަށް އިނުމަކީ މިހާރަކަށް އައިސް ގިނަ ބައަކު އެންމެ ފަރުވާކުޑަކޮށް ކުރާ އަމަލު ކަމުގައި ބެލެވިދާނެއެވެ.
ދިވެހިންނަކީ އައްތަހިއްޔާތަށް އިނުމުގައި ސަމާލުކަން ދިން ބައެކެވެ. ނަމާދުގެ ތެރެއިން މީހަކަށް ނަމާދާއި ގުޅެވުނު ނަމަވެސް އައްތަޙިއްޔާތަށް އެހެން މީހުން ތިބި ގޮތް ފެނުމުން އެއީ ކޮން އައްތަޙިއްޔާތެއްކަން އެނގޭނެއެވެ.
ނަމަވެސް މަދު މީހަކު ނޫނީ އައްތަހިއްޔާތުގައި އިންނަންޖެހޭ ގޮތަށް އިންނަ ތަނެއް ނުފެނެއެވެ. އަދި ދަރިންނަށް އެކަންކަން ދަސްކޮށްދެވޭ ކަމަކަށްވެސް ނުފެނެއެވެ. ކުޑަކުދިންވެސް އެކުއްޖަކު އިންނަން ބޭނުންވާ ގޮތަކަށް އައްތަޙިއްޔާތަށް އިންނާތީއެވެ.
އުޒުރު ވެރިއަކު ތަފާތު ގޮތަކަށް އިނދެ ނަމާދުކުރި ނަމަވެސް އެނޫން މީހުން ނަމާދުކުރުމުގައި އަމަލުކުރަންޖެހޭ ގޮތަށް، ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އުނގަންނަވައި ދެއްވަވާފައިވާ ގޮތަށް ނަމާދުގައި އަމަލުކުރުމަކީ ހަމަ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.