މިއީ "އިސްލާމިކް ނޮލެޖް" ވައިބާ ގްރޫޕަށް ބައެއް ފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކާއި އޭގެ ޖަވާބެވެ.
މިސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޛް އަބްދުއްލަތީފް އެވެ.
ސ. ފަތިސް ނަމާދުގެ ފަހު އައްޠަހިޔާތުގައި ހުންނާނީ އެހެން ނަމާދުގެ ފަހު އައްޠަހިޔާތާއި ތަފާތުކޮށްތޯ؟
ޖ. ދެ ރަކްޢަތް ނަމާދުގެ ފަހު އައްޠަހިޔާތުގައި އިންނާނީ މެދު އައްޠަހިޔާތަށް އިށީންނަ ގޮތަށެވެ.
ސ. ގެއިން ވުޟޫ ކޮށްގެން އޮފީހަށް އައިސް ވުޟޫ ގެއްލުންކަން ޔަގީން ނުވަންޔާ، ބަންގި ގޮވުމުން ނަމާދު ކުރުން ރަނގަޅު ވާނެތޯ؟
ޖ. ވުޟޫ ގެއްލުނުކަން ޔަގީން ނުވާނަމަ ވުޟޫ އެއް ނުގެއްލޭނެއެވެ.
ސ. ވިޠުރިގެ ފަހު ރަކްޢަތުގެ އިޢުތިދާލްގައި އެމީހަކު ބޭނުންވާ ދުޢާ އެއް ކުރެވިދާނެތޯ؟
ޖ. ލައްބަ. ކުރެވިދާނެއެވެ.
ސ. އިޙުރާމް ބަނދެގެން ހުރެ އަންހެނުން ލޮލުގައި އަނދުން އެޅުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
ޖ. މީގާތުން ނިޔަތް ގަތުމަށްފަހު އެފަދަ އެއްވެސް ކަމެއް ނުކުރެވޭނެއެވެ.
ސ. ކިރުމައިމީހާ ދަރިފުޅަށްޓަކައި ދޫކޮށްލާ ރޯދަ ޤަޟާކޮށް އަދި ފިދްޔަ ދޭން ޖެހޭނީ ހަމަ އެދުވަހުތޯ ނޫނީ ރޯދަމަސް ނިމުނީމަތޯ؟
ޖ. ބޮޑަށް ރަނގަޅީ އެދުވަހުން ދުވަހަށް ފިދްޔަ ދިނުމެވެ.
ސ. ފަރުޟު ނަމާދުގައި ޙަށަމްބަން ތަކްބީރު ކިޔާ ގޮތަށް ސުންނަތް ނަމާދުގައި ހަށަމްބަން ތަކްބީރު ނުކިޔާ ނަމާދު ކުރެވޭތޯ؟
ޖ. ﷲ އަކްބަރް ކީމަ ފުދޭނެއެވެ.
ސ. ފަރުޟު ނަމާދަށްފަހު ޒިކުރު ތަސްބީޙަ ކިޔުމަކީ ވާޖިބް ކަމެއްތޯ؟ ނުކިޔައިފިނަމަ ނަމާދު ސައްޙަ ވާނެތޯ؟
ޖ. ވާޖިބެއް ނޫނެވެ. ނަމަވެސް އެއީ ވަރަށް ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. ނުކީ ނަމަވެސް ނަމާދު ސައްޙަ ވާނެއެވެ.
ސ. އެސްފިނާއާއި ހަސަދައިން ސަލާމަތްވުމަށް އަމިއްލައަށް ކިޔާނެ ދުޢާއެއް ނުވަތަ ޒިކްރެއް ވިދާޅުވެދެއްވަފާނަންތޯ؟
ޖ. ހެނދުނާއި ހަވީރުގެ ޒިކްރުތައް ކީމަ ރަނގަޅުވާނެއެވެ.