"ހަނދު ސާބިތުވާނީ ހަނދުފެނުނު ކަމަށް މީހަކު ހެކިވެގެންނެވެ. ފަލަކީ ހިސާބު ބަލައިގެން ހަނދު ސާބިތެއް ނުކުރެވޭނެއެވެ. ފަލަކީ ހިސާބުން ހަނދު ފެންނާނެ ކަމަށް ދެއްކި ނަމަވެސް ނުފެންނަހާ ހިނދަކު ހަނދު ސާބިތެއް ނުވާނެއެވެ.
ސަބަބަކީ ވިލާ ބޯވެގެން ނުވަތަ އެނޫންވެސް އުޒުރެއް މެދުވެރިވެގެން ހަނދު ނުފެނިއްޖެނަމަ މަހުގެ 30 ދުވަސް ހަމަކުރަން ޙަދީޘްގައި އަންގަވާފައިވާތީއެވެ."
މިއީ "ހަނދު ސާބިތުކުރުމުގައި ކޮންމެހެން ބަލަންޖެހޭ ކަންކަމަކީ ކޮބައިތޯ؟" މީހަކު ކޮށްފައިވާ ސުވާލަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބެކެވެ.
ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބްރައީސް އަކަށް ޑރ. އިޔާޟ ހުންނެވި ދުވަސްވަރު މިއަހަރު ފަދައިން ފޯލިޖަހައިގެން ހަނދުސާބިތުކުރުމަށް ކުރި މަސައްކަތްތައް ފެއިލްވެގެންދިއައީ ހަނދު ބެލުމުގެ ޖަލްސާތަކުގައި މި ޙަދީޘްފުޅު ވިދާޅުވަމުން ގެންދެވުމުންނެވެ.
މިހާރު އެކޮމިޓީގައި ތިއްބެވި ހަދީޘްފުޅަށްވުރެ ފޯލިޖެހުން އިސްކުރާ ނުޖޫމީން އެއިރުވެސް އެކަމަށް ގަދަފައި ވިއްދިއެވެ.
އިރުއޮއްސޭއިރު ހަނދު ހުންނާނެ ހިސާބު ބަލަން ދަންނަ އިތުބާރުހިފޭ ނުޖޫމީ އިލްމުވެރިން ތިބީ ރާއްޖޭގައި އެކަނި ކަަމަށްވެފައި ބޮޑެތި، އަރަބި އެއްވެސް ޤައުމެއްގައި އެވަރު ބަލަން އެނގޭ ނުޖޫމީ އިލްމުވެރިއަކު ނެތުމުން އެ ޤައުމުތަކުގައި މިއަހަރު ރޯދަ ހިފަން ފެށީ ރާއްޖެއަށްވުރެ އެއްދުވަސް ފަހުންނެވެ.
ރާއްޖެ ފިޔަވައި އެހެން އިސްލާމީ ޤައުމުތަކުގައި ނުޖޫމީ އިލްމުވެރިން ނެތް ނަމަވެސް މާތް ﷲ އަށް ބިރުވެތިވެވަޑައިގަންނަވާ ޙަދީޘް ޢިލްމުވެރިން ތިއްބެވުމުން ސަރުކާރުތަކަށް އެވަނީ ޙަދީޘްފުޅުގެ ކުރިއަށް ނުޖޫމީ އިލްމުވެރިން ނެރެން ނުކެރިފައެވެ. ރާއްޖެއަށް އެކަންކުރަން ކެރުނީއެވެ.
ހަނދާއިބެހޭ ޤަރާރުގައި ކިޔާ "ޒަމާނުންސުރެ ރާއްޖޭގައި އަމަލުކުރަމުން އަންނަ ގޮތް" އެއީ ވެސް ވަރަށް ބޮޑު އޮޅުވައިލުމެވެ. ފޯލިޖަހައިގެން ކަންކަން ބެލުމާއި ނުޖޫމީ އިލްމުގެ ކަންތައްތައް ޢާންމުން ކުރަމުން އައި ނަމަވެސް ރާއްޖޭގެ ސަރުކާރުން އެކަންކަން ހިންގައި ބަލައިގަންނަން ފެށީ 1980 ގެ އަހަރުތަކުގައެވެ. އެއިގެ ކުރީގައި އެއީ ހަނދުބެލުން ފަދަ ކަމެއްގައި އަމަލުކުރި ގޮތެއްކަން އެނގޭކަށް ނެތެވެ.
އެހެންކަމުން މީގެ 30 ވަރަކަށް އަހަރުކުރިން ފަށައިގަތް ކަމަކަށް ޒަމާނުންސުރެ އަމަލުކުރަމުން އަންނަ ގޮތް ކަމަށް ބުނުމަކީ ދިވެހި ބަހުގައި ބޭނުންކުރާ ގޮތެއް ނޫނެވެ. އެހައި ޒުވާން ކަންކަމަށް ކިޔައި އުޅެނީ "މީގެ ،30 40 ވަރަކަށް އަހަރުކުރިން އަމަލުކުރަން ފެށުނު ނުވަތަ ފަހުގެ ތާރީޚުގައި އަމަލުކުރަން ފަށާފައިވާ ނުވަތަ މިވެނި ވެރިކަމަކުންސުރެ އަމަލުކުރަމުން އަންނަ" ފަދަ އިބާރާތްތަކެވެ.
"ޒަމާނުންސުރެ" ބޭނުންކުރަނީ ޤަދިމީ ޒަމާނުންސުރެ ހިނގަމުން އަންނަ ކަންކަމަށެވެ.