މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖުގެ މައި ތަނބުތަކާ ހަމައަށް މާލެކޮޅުން ހުރި ހުރިހާ ތަނބެއްގެ ކޮންކްރީޓު ބްރިޖު ޑެކް އަޅައި ގުޅުވައި ނިމިފައިވާކަމަށެވެ. އަދި މާލޭކޮޅުން ބްރިޖުގެ 540 މީޓަރުގެ ދިގުމިނުގެ ރާސްތާއެއްގެ ކޮންކްރީޓް މަސައްކަތްތައް ވެސް ނިންމާލާފައިވާކަމަށް އެ ޓްވީޓްގައި މުއިއްޒު ވިދާޅުވެފައިވެއެވެ.
ބްރިޖުގެ ސްޕަ ސްޓްރަކްޗާގެ މަސައްކަތްތައް ކުރިއަށްދާއިރު، އެ މަސައްކަތްތައް އަންނަ ޖުލައި މަހުގެ ނުވަވަނަ ދުވަހަށް ނިމޭނެކަމަށް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެ ހިސާބުން މާލެއާއި ހުޅުލެއާ ދެމެދު ބްރިޖު ގުޅާލުމުގެ މަސައްކަތް އެއްކޮށް ނިންމޭނެކަމަށާއި ދެން އޮންނާނީ ބްރިޖުގައި ތާރު އެޅުމާއި ލައިޓްތައް ހަރުކުރުން ފަދަ މަސައްކަތްތައް ކަމަށް ވެސް މުއިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.
ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން އަޅަމުންދާ ބްރިޖުގެ މަސައްކަތްތައް ނިންމައި މި އަހަރުގެ ޖުލައި މަހުގެ 26 އަށް ބްރިޖު ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް ވެސް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ. ބްރިޖަށް ޚަރަދުވާ 210 މިލިއަން ޑޮލަރުގެ ތެރެއިން 126 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ޗައިނާ ސަރުކާރުން ދޭން ނިންމާފައިވާކަމަށް ވެސް ދިވެހި ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.
މާލެއާއި ހުޅުލެއާ ދެެމެދު އަޅާ މި ބްރިޖުގެ ދިގުމިނުގައި 2 ކިލޯމީޓަރު ހުރެއެވެ. އަދި ފުޅާމިނުގައި 20.3 މީޓަރު ހުރެއެވެ. އަދި މެދު ދިޔައިގައި ބްރިޖުގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.
CMFBridge ge mai thanbu thakaa hamayah Male kolhun huri hurihaa thanbeh concrete bridge deck alhaa gulhuvaa nimifai. Male kolhun jumla 540m dhiguminuge raasthaaeh. pic.twitter.com/1aUwuP8mXo
— Dr.Mohamed Muizzu (@MMuizzu) May 3, 2018