ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 12 މެންބަރުންގެ ގޮނޑީގެ ބައި-އިލެކްޝަން ބޭއްވުމަށް ތައްޔާރުވުމަށްޓަކައި، 14 މިލިއަން ރުފިޔާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް އެކޮމިޝަނުން ހުށަހަޅައިފިއެވެ.
އީސީ ގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ، މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ އެންޓި ޑިފެކްޝަން ޤާނޫނު ބާތިލް ނޫން ކަމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން، ހުސްވެފައިވާ 12 މެންބަރުންގެ ގޮނޑީގެ އިންތިހާބު ބާއްވަން ޖެހޭ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން އެއިންތިހާބު ބޭއްވުމަށް އީސީ އިން ނިންމާ 14 މިލިއަން ރުފިޔާގެ ބަޖެޓެއް ހޯދުމަށް ފިނޭންސަށް ހުށަހަޅާފައިވާ ކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ.
"ފައިސާ ލިބުންހާ އަވަހަކަށް ބައި-އިލެކްޝަންތައް ބާއްވާ ތާރީޚުތައް އިއުލާން ކުރާނަން" އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަކުރަމް ވިދާޅުވިއެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އެކޮމިޝަނުން ނިންމާފައިވާ 12 ދާއިރާގެ މެންބަރުންނަކީ:
• މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން،
• ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
• ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު
• ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސެއިން
• ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހިމް
• މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު
• ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދު
• ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
• ހަނިމާދޫ ދާއިރާގެ މެންބަރު ޙުސެއިން ޝަހުދީ
• އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު އަބްދުﷲ (މުހަންމާ)
• ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ، އަދި
• ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް، އެވެ.