މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ރީޖަނަލް ކޮމާންޑަރުންނާ ބައްދަލުކޮށްފިއެވެ.
އީސީއިން ބުނީ މި ބައްދަލުވުމަކީ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ޓްރެއިނިންނަށް ތައްޔާރުވުމަށްޓަކައި ބޭއްވި ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި އީސީގެ ފަރާތުން ބައިވެރިވީ އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމެވެ.
އީސީގެ މެންބަރު އަހުމަދު އަކުރަމް ކުރިން ވިދާޅުވީ އަންނަ މޭ މަހު ވޯޓާސް ލިސްޓް އާންމުކުރާނެކަމަށާއި ރީރަޖިސްޓްރޭޝަނަށް ހުޅުވާލާނީ އަންނަ ޖޫން މަހުގައިކަމަށެވެ. އޭގެ އިތުރުން، އަންނަ ޖޫން މަހުގައި އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް ވެސް ހުޅުވާލާނެކަމަށް އީސީން ކުރިން ހާމަކޮށްފައިވެއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ވެރިކަންކުރާ ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްްޤައްޔޫމްކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށް މަޝްވަރާކުރަން ފެށި ނަމަވެސް، އެ ޕާޓީތަކުގެ ފަރާތުން ވާދަކުރާނީ ކޮން ކެންޑިޑޭޓެއްކަމެެއް އަދި ހާމައެއް ނުކުރެއެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބޭއްވުމަށް އީސީން ނިންމާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ.