އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވޭ ބަޑި މުބާރާތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވޭ ބަޑި މުބާރާތް ފަށައިފި
މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވޭ ސިފައިންގެ އަހަރީ ބަޑި މުބާރާތް އިއްޔެ ފަށައިފިއެވެ.

މިމުބާރާތް ފެށުމުގެ ގޮތުން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި އިއްޔެ ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސިފައިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ތަމްރީންތަކުގެ މުހިންމުކަމާއި ސިފައިންގެ ބަދަހި ލަޝްކަރުން ޤައުމަށް ފޯރުކޮށްދެމުންދާ އިޚްލާސްތެރި ޚިދުމަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މިމުބާރާތް ފައްޓަވައި ދެއްވުމުގެ ގޮތުން ބަޑި ޖައްސަވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.

މިރަސްމިއްޔާތުގައި ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަރޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދެވެ.

އަންނަ މަހު ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތަކީ މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ސިފައިންގޭގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަދު ފެށި މި މުބާރާތުގައި ސިފައިންގެ 21 ޔުނިޓަކުން ވަނީ ބައިވެރިވެފައެވެ.

އަލްމަރްޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، އިޚުލާޞްތެރިކަމާ ވަފާތެރިކަމާއެކު ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތް 2018 ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން މުބާރާތުގައި ބައިވެރިވާ ޓީމްތަކުންނާއި އެހެނިހެން ސިފައިން ވަނީ ބައިވެރިވެފައެވެ.
މިއަދު އޮންލައިން