ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެންޓި-ޑިފެކްޝަން ބިލު ފާސްކުރި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިދިއަ އަހަރުގެ ޖުލައި މަހު ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމިތު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމިތު ވިދާޅުވީ 13 ޖުލައި 2017 ގައި ކުރި ޙުކުމުގައިވެސް ވަނީ އެ ޙުކުމުގެ ސަބަބުން ފިޔަވަޅު އަޅަންޖެހޭނީ އެދުވަހުން ފެށިގެން މެންބަރުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށްވާއިރު އެދުވަހުން ފެށިގެން 12 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރަކު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.
ޤާނޫނީ ވަކީލް ޢަލީ ޙުސައިން ވިދާޅުވީ މާޒީއަށް އަމަލުކުރާ ގޮތަށް އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށާއި އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކުރާ ވެސް ކަމެއް ނޫން ކަމަށެވެ. ޤާނޫނެއް ހެދުމުގެ ބޭނުމަކީވެސް އެ ޤާނޫނެއް ފާސްކުރާ ދުވަހުން ފެށިގެން ވަކި ގޮތަކަށް ކަންކަން ކުރުން ކަމަށެވެ.
އަމިތު ވިދާޅުވީ މިއަދު މަޖިލީހުން ފާސްކުރި 2 ބިލު މާދަމާ ރައިސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރެއްވި ނަމަވެސް އެ ދެ ބިލްވެސް ވާނީ ބާޠިލު 2 ބިލަށް ކަމަށެވެ. އަދި 12 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިގެން ނުދާނެ ކަމަށެވެ.
މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުގެ 16 މެންބަރަކަށް ހުރަސް އެޅުމަށްފަހު ކަމަށާއި މިއީ ރައްޔިތުންގެ މަޖިލީހުން ކަންކަން ފާސްކުރާއިރު ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.
ގުޅުންހުރި އަޑު: