މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ރައިސް މައުމޫނަށް އެމަނިކުފާނުގެ ހެދުންކޮޅު ފޮނުވުމުގެ ފުރުޞަތު ޢާއިލާއަށް ނެތް ކަމަށް މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތް ވިދާޅުވެއްޖެއެވެ.
ޢަމީތު މިއަދު ވިދާޅުވީ ޢާއިލާއަށް އަންގާފައިވަނީ ޖަލުން ނޫނީ ޑީޕީއާރުއެސްއިން އަންގާ އެކައުންޓަކަށް އެމަނިކުފާނުގެ ޢާއިލާއިން 2000 ރުފިޔާ ޖަމާކުރެވިދާނެކަމަށާއި ރައީސް މައުމޫނަށް ޖެހިވަޑައިގަންނަވާނީ ޖަލުން އަންގާ ފިހާރައަކުން ހެދުންކޮޅު ބައްލަވައިގަންނަވަން ކަމަށެވެ.
އަމީތު ވިދާޅުވީ މިއީ ވަކި ބައަކަށް މަންފާ ލިބޭ ގޮތަށް އެބައެއްގެ ވިޔަފާރި ކުރިއަރުވަން ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި މިއީ އިންސާނީ ހައްޤުތަކާއިވެސް ޚިލާފަށް ހިންގާ ކަންތައްތަކެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
"މިކަންކުރަން ބަހަނާއަކަށް ދައްކަނީ ޖަލަށް މަސްތުވާތަކެތި އެތެރެކުރާ ވާހަކަ. އަޅުގަނޑު ޤަބޫލުކުރަނީ އެއީ މި ފިހާރައިގެ ކުރިއަރުވަން ރާވައިގެން ހިންގާ ކަމެއް ކަމަށް."
އަމިތު ވިދާޅުވީ ރައީސް މައުމޫނާއި ބައްދަލުކުރެއްވުމަށްޓަކައި ބައްދަލުކުރެއްވޭނެ ގަޑި ދެއްވުމުން ވަކީލުން ޖަލަށް ވަޑައިގަތުމުން ވެސް 2 ގަޑިއިރު މަޑުކުރައްވަން ޖެއްސުވި ކަމަށެވެ. މިފަދަ ކަންކަމަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ.
މިފަދަ ގިނަ ކަންތައްތަކެއް ހިންގަމުން ގެންދާއިރުވެސް ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަނުން އެއްވެސް ފިޔަވަޅެއް ނުއަޅާކަން ފާހަގަ ކުރައްވައި މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެއްވެސް ދަތިކަމެއް ހުރިނަމަ މަޤާމުން އިސްތިއުފާ ދެއްވުމަށް އަމީތް ވަނީ ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުންނަށް ގޮވާލައްވައިފައެވެ.