ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 47ސ
ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ސިފައިންގެ 10 ދާއިރާއަކުން ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ދާއިރާތަކަކީ މެރިންކޯ، ސްޕެޝަލް ފޯސަސް، ފަޔާ އެންޑް ރެސްކިއު ސާވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، ކޯސްޓްގާޑް، މިލިޓަރީ ޕޮލިސް، މެޑިކަލް ސާވިސް، މިލިޓަރީ އިންޖީނިއާސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއާސް، އަދި ސަޕޯޓް ސާވިސް އެވެ.

މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭނެ ޝަރުތަކަކާއި ފެންވަރުތަކެއް ވެސް އެ އިއުލާންގައި އަންގާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތެއް ކަމުގައިވުން، ދަންވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހެއް ކަމުގައިނުވުން، ފިރިހެެނެއްނަމަ އިސްކޮޅުގައި މަދުވެގެން 5 ފޫޓް 5 އިންޗި ހުރުން، އަންހެނެއްނަމަ 5 ފޫޓް 3 އިންޗި ހުރުން، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައިނުވުމެވެ.

މި ޝަރުތުތަކުގެ އިތުރުން ވަޒީފާއަށް މީހުން ހޮވުމުގައި ކުރެވޭ އިންޓަވިއުތަކަށާއި ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސީޓްއަޕްސް، ޕުލްއަޕްސް، ދުވުން، ސްވިމިން) އަދި އެޕްޓިޓިއުޓް ޓެސްޓުން އެ މީހަކު ހޯދާ ނަތީޖާއެއް ބަލާނެކަމަށް ވެސް އެ އިއުލާންގައި ވެއެވެ.

ސިފައިންގެ ވަޒީފާއަށް ވަންނަން ބޭނުންވާ ފަރާތްތައް މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ފޯމްތައް ހުށަހެޅޭނެއެވެ. ސިފައިންގެ ވަޒީފާއަށް އެދޭ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ރަސްމީ ގަޑިތަކުގައި ޑިފެންސް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެމްއެންޑީއެފްގެ ވެބްސައިޓުން (www.mndf.gov.mv) ފޯމްތައް ޑައުންލޯޑް ކުރެވޭނެއެވެ.


މިއަދު އޮންލައިން