އަނބިންނާއިއެކު ގަދަކަމުން ޖިންސީގުޅުން ހިންގުމަކީ ރޭޕްކުރުމަށްވުރެ މާނުބައި ކަމެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޢިޔާދް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
އަނބިންނާއި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ މައްސަލައެއްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޢިޔާދް މިއަދު ވިދާޅުވީ އަނބިންނާއި ގަދަ ކަމުން ޖިންސީ ގުޅުން ހިންގުމަކީ ރޭޕްކުރުން ނޫން ކަމަށް ވިދާޅުވީ އެއީ ރޭޕްކުރުމަށް ނުވާނެތީ ކަމަށެވެ.
"އަޅުގަނޑުމެން ރޭޕްކުރުން މިކިޔަނީ ކައިވެނީގެ ބޭރުން ގަދަކަމުން ޖިންސީ ގުޅުން ހިންގައި އަންހެނެއްގެ ޢިއްފަތްތެރިކަން ފޭރިގަތުމަށް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރޭޕްކުރުމުގައި ދެބައެއް އެބަ ހިމެނޭ. އެއީ ކައިވެނީގެ ބޭރުން ހިންގާ ކަމަކަށްވުން. އަނެއް ބައަކީ އަންހެނެއްގެ އިއްފަތްތެރިކަން ފޭރިގަތުން."
ޑރ. ޢިޔާދު ވިދާޅުވީ އަންބިންނާއިއެކު ޖިންސީ ގުޅުން ހިންގުމަކީ މުޅިން ތަފާތުކަމެއް ކަމަށެވެ. "ސަބަބަކީ ކައިވެނީގެ މުޤައްދަސް ގުޅުން ދެމީހުންގެ މެދުގައި އެބައޮތް. އެހެންކަމަށްވާއިރު ދެމީހުން އެއްދާންކުރަނީ އިއްފަތްތެރިކަން ރައްކައުތެރިކުރަން. ކައިވެނިން ބޭރުގަނަ އެއީ އަންހެން ކުއްޖާގެ އިއްފަތްތެރިކަން ފޭރިގަތުމުގެ ގޮތުން ކުރާ ކަމެއް. ކައިވެނީގެ ތެރޭގަ އެބައޮވޭ ދެމީހުންގެ ގުޅުން ވަރަށް މުޤައްދަސް ގުޅުމަކުން ގުޅާލެވިފަ. އެއީ އިއްފަތްތެރިކަން ރައްކައުތެރިކުރުން."
ޑރ. ޢިޔާދް ވިދާޅުވީ ދެމަފިރިންކުރެ ކޮންމެ މީހަކު އެއްދާންކުރުމަށް އެދުނު ނަމަވެސް (ޞިއްޙީ މައްސަލައެއް ފަދަ ބޮޑު މައްސަލައެއް ނެތް ނަމަ) އެކަމަށް އިޖާބަދޭންޖެހޭނެ ކަމަށެވެ. "އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ ކޮންމެ ދެމަފިރިއަކުވެސް އުޅޭނީ ވަރަށް ލޯބިން. އެއްވެސް މީހަކު އަނިޔާކުރާ ގޮތަށް ކަންތައްތައް ކުރާކަށް ނުޖެހޭނެ. އެހެން ނަަމަވެސް ބައެއް މީހުން އެގޮތަށް ކަންތައްތައް ނުކުރެއެކޭ އަޅުގަނޑު ނުދަންނަވަން."
ޑރ. ޢިޔާދް ވިދާޅުވީ އިއްޔެ އެގޮތަށް ޖަވާބު ދެއްވީ އަނިޔާވެރި ގޮތަކަށް އެކަންކުރާ ވާހަކަ ވެސް ނެތުމުން ކަމަށެވެ. "ސުވާލުގަ އޮންނަނީ އަނބިމީހާ ބޭނުންނުވާ ހާލުގަ އެކަންކޮށްފިނަމަ ރޭޕަކަށް ވާނެތޯ ނުވަތަ ނޫންތޯ؟ މީގަ އެބައޮވޭ ދެ ހާލަތެއް. އެއީ އަނބިމީހާ ބޭނުން ނުވާ ހާލަތުގައިވެސް ގަދަކަމުން ފިރިމީހާ އެކަންކުރީތޯ؟ ނޫންނަމަ އަނބިމިހާ ބޭނުން ނުވި ނަމަވެސް ފިރިމީހާއަށްޓަކައި ފިރިމީހާ އެދުމުން އެކަން ކޮށްދިނީތޯ؟"
"އަޅުގަނޑު މިބުނަނީ އެއްވެސް ޙާލެއްގައި އަނިޔާވެރިކަމާއެކު އެކަންކުރާ ގޮތުގެ ވާހަކައެއް ނޫން. އަޅުގަނޑު މިބުނަނީ އަނބިމީހާ ބޭނުން ނުވި ނަމަވެސް ފިރިމީހާއަށްޓަކައި އެކަން ކޮށްދިނުމުގެ ވާހަކަ. އެހާލަތުގައި އެކަން ރޭޕަކަސް ވާނީ ކިހިނެއްތޯ؟"
"ދެން އޮތީ އަނިޔާވެރި ގޮތުގައި އެކަންކުރުން. އެއީ ރޭޕަށްވުރެ މާނުބައި ކަމެއް. އިސްލާމް ދީނުގައި އަނިޔާވެރިވުން ވަނީ ޙަރާމްކުރައްވަވާފައި. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަލާނގެ ނަފުސަށް އެކަން ޙަރާމް ކުރައްވަވައިފަ. އަދި މީސްތަކުންގެ މައްޗަށް ވަނީ އެކަން ޙަރާމްކުރައްވަވާފަ. އެހެންވީމާ އަނިޔާވެރިވާކަށް އިސްލާމުން ދީން ހުއްދައެއް ނުކުރޭ. އަޅުގަނޑުވެސް ނުއޮންނާނެ އަޅުގަނޑުގެ ޖަވާބަކު އަނބިމީހާއަށް އަނިޔާވެރިވާކަށް ބާރުއަޅާފައެއް. (އަނިޔާވެރިގޮތުގަ އެކަން ކުރަން ހުއްދަ ދީފައެއް.) އަޅުގަނޑު މިބުނަނީ އަނބިމިހާ ބޭނުން ނުވާ ހާލަތުގައިވެސް ފިރިމީހާއަށް އެކަން ކޮށްދިނުން އެއީ ރޭޕެއް ނޫނޭ. އެއީ އަޅުގަނޑުގެ މަފްހޫމަކީ."
ޑރ. ޢިޔާދް ވިދާޅުވީ ކަން މިހެން އޮތް ނަމަވެސް އެމަނިކުފާނުގެ ޖަވާބު އޮޅުވާލައިގެން މީޑިއާތަކުގައި ހާމަކޮށް އެމަނިކުފާނުގެ އަބުރުފުޅު ކަތިލީ ކަމަށެވެ. އަދި އެކަމާއިމެދު ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށެވެ. "އަޅުގަނޑު މިކުރަނީ މާތްﷲ އިރާދަކުރެއްވިއްޔާ މާތް ﷲ ގެ ދީން މަތިވެރި ކުރުމުގެ މަސައްކަތް. މާތްﷲ އަޅުގަނޑަށް ރައްކައުތެރިކަން ދެއްވަވާނެ." ކަމަށްވެސް ޑރ. ޢިޔާދު ވިދާޅުވިއެވެ.
ޑރ. ޢިޔާދު ވިދާޅުވީ އިއްޔެ އަވަސް ނޫހުން އެމަނިކުފާނަށް ގުޅި ކަމަށެވެ. ނަމަވެސް އެހެން ނޫހަކުން އެމަނިކުފާނާއި ހަވާލާދީ ޚަބަރު ގެނެސްފައިވަނީ އެމަނިކުފާނާއި ނުވެސް ގުޅައި ކަމަށެވެ. "ޚަބަރު ހާމަކޮށްފައި މާފަހުން އަޅުގަނޑަށް ގުޅީ. މާފަށްވެސް އެދުނު. އަޅުގަނޑު ބުނިން ކަލޭމެން ތިއޮތީ އަޅުގަނޑުގެ އަބުރު ކަތިލާފައި ނޫންހޭ. އެކަމަކު އަޅުގަނޑު ކަލޭމެންނާ ދައުވާކޮށް ފައިސާ ހޯދަން ކޯޓަކަށް ނުދާނަމޭ."
ޑރ. ޢިޔާދް ވިދާޅުވީ ރޭ ނެރުއްވި ބަޔާނުގައި ވެސް އިއްޔެ ދެއްވި ޖަވާބަށް މާފަށް އެދިވަޑައިގެންފައި ނުވާނެ ކަމަށެވެ. "އަޅުގަނޑު ބުނެފަ އޮންނާނީ އަޅުގަނޑު ދިން ޖަވާބު ކުރުކަމުން އެއްވެސް ފަރާތަކަށް އޮޅުމެއް އެރިނަމަ އެކަމަށް މަޢާފަށް އެދޭ ކަމަށް."
ރާއްޖޭގައި އަނބިންނާއިއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ މައްސަލަތަކަކީ ޢާންމު މައްސަލަތަކެއް ނޫންކަން ނެރެވޭ ރިޕޯޓްތަކުން އެނގެއެވެ. އެއީ ރާއްޖޭގައި ޢާންމު މައްސަލައެއް ނަމަ ދީނީ އިލްމުވެރިންގެ ޖަވާބު ތަފާތުވާނެއެވެ.
ގދ. ތިނަދޫގައި ވަނީ އަނބިމީހާ މަރާލުމުގެ ބޭނުމުގައި މިފަދަ އަމަލެއް ހިންގައިފައެވެ. އަނިޔާ ލިބުނު އަންހެން މީހާ ވަނީ މަރުވެފައެވެ.
ރޭޕްގެ މާނަ ޑިކްޝަރީތަކުގައި ލިޔެފައި ހުންނައިރުވެސް "އަންލޯފުލް" މިބަސް ލިޔެފައި ހުރެއެވެ. އެހެންކަމުން އެއީ ކައިވެނީގެ ބޭރުން ހިންގާ ޖަރީމާއެއްކަން ދޭހަވެއެވެ.
ގުޅުންހުރި އޯޑިއޯ: