ވިލާ ހޮޓެލްސްގެ ރިސޯޓްތަކަށް ފުލުހުންނާއި، ކަސްޓަމްސް އަދި މީރާގެ އޮފިޝަލުން އަރައި ހިންގަމުންދާ ޤާނޫނާ ޚިލާފު ޢަމަލުތައް ވަޤުތުން ހުއްޓާލުމަށް ޖުމްހޫރީ ޕާޓން ގޮވާލައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ބަޔާން:
ޖުމްހޫރީ ޕާޓީ
މާލެ،
ނަންބަރު:JP-NB/2018/01/001
ނޫސްބަޔާން
ވިލާ ހޮޓެލްސްގެ ރިސޯޓްތަކަށް ގާނޫނާއި ޤަވާއިދާ ޚިލާފަށް ފުލުހުންނާއި، ކަސްޓަމްސް އަދި މީރާގެ އޮފިޝަލުން އަރައި ހިންގަމުންދާ ޤާނޫނާ ޚިލާފު ޢަމަލުތައް ވަޤުތުން ހުއްޓާލުމަށް ގޮވާލުން
ވިލާ ހޮޓެލްސްއިން ހިންގަމުން ގެންދާ 5 ރިސޯޓަކަށް ފުލުހުންނާއި، ކަސްޓަމްސް އަދި މީރާގެ އޮފިޝަލުން އަރައި އެރިސޯޓުތަކުގައި ތިބި ގެސްޓުންނަށްވެސް ބެލުމެއްނެތި އެރިސޯޓްތަކުގައި ބިރުވެރިކަން އުފެދިދާނެ ގޮތަށް ޢަމަލުތައް ކުރަމުން ގެންދިއުމާއި، ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަމުގައިވާ ޓޫރިޒަމަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އަދި ވިލާ ކުންފުނީގެ ރިސޯޓްތަކުގައި ތިބި ދުނިޔޭގެ ގައުމުތަކުގެ ފަތުރުވެރިންނަށާއި، ތަނުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭނެ ގޮތަށް ކަންތައްތައް ކުރަމުން ގެންދިއުމަކީ ޤަބޫލުކުރެވޭނެ އަދި ބަލަންތިބެވޭނެ ކަމެއް ނޫނެވެ.
ފަތުރުވެރިންނަށް ހިދުމަތްދެމުންދާ ރިސޯޓްތަކުގެ އޮޕަރޭޝަން ހުއްޓުމަކަށް އަންނަ ގޮތަށް ކަމާބެހޭ މުއައްޞަސާތަކުން ހަމައެއް ލަމައެއް ނެތި ޤާނޫނާއި ޤަވާއިދާ އަދި ކޯޓު އަމުރާވެސް ޚިލާފަށް ތަނުގެ މުދަލާއި ތަކެތި އެ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ރިސޯޓްތަކުގައި ތިބި ފަތުރުވެރިންނަށް، ޚިދުމަތް ނުދެވޭ މިންވަރަށް ޢަމަލުތައް ބެހެއްޓުމީ އަނިޔާވެރިކަމާއި، ގަދަބާރުން ކަންކުރުމުގެ ސަޤާފަތުގެ ތެރެއިން ހިންގަމުން ގެންދާ ޖަރީމާއެއް ކަމުގައި މިޕާޓީއިން ދެކެމެވެ.
ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކަށް ދައުލަތުން ދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތުގެ ބަދަލުގައި އެފަދަ ވިޔަފާރިތައް ނެތިކޮށްލުމަށް ރައީސް ޔާމީންގެ ހަރުކަށި އަނިޔާވެރި ސިޔާސަތުގެ ދަށުން އަދި ސިޔާސީ ވަކި މަޤުޞަދެއް ޙާސިލްކުރުމަށްޓަކައި ވިލާ ކުންފުނީގެ ރިސޯޓްތަކަށް ސީދާ އަމާޒުކޮށް، ދަޢުލަތުގެ މުއައްޞަސާތަކުގެ މައްޗަށް ނުފޫޒު ފޯރުވައިގެން ރައީސް ޔާމީން ހިންގަމުން ގެންދާ ދަށު ދަރަޖައިގެ މި ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.
ދައުލަތުގެ މުއައްސަސާތައް ހިންގުމުގެ ޒިންމާއާއި ޙަވާލުވެގެން ތިއްބެވި ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް އެއްވެސް ބެލުމެއްނެތި ރައީސް ޔާމީން ބޭނުންވާ ކޮންމެ ގޮތަކަށް ޢަމަލުކޮށްދެމުންދާ ފަރާތްތަކުން އެފަރާތްތައް ބައިވެރިވެގެން ހިންގާ މިފަދަ ޖަރީމާތަކުގެ މައްސަލަތައް އެފަރާތްތަކާމެދު ބަލާ ފިޔަވަޅު އެޅޭނެކަންވެސް ހަނދާންކޮށްދެމެވެ.
ރައީސް ޔާމީންގެ ނުފޫޒާއި ބާރުން ރާއްޖޭގެ ކޯޓްތަކާއި ޖުޑިޝަރީ މިއަދު މިވަނީ ރައްޔިތުންގެ އެއްވެސް އިތުބާރެއް ނެތް ތަންތަނަށް ބަދަލުވެފައެވެ. އަދި އެފަދަ ކޯޓްތަކުގެ މައްޗަށް ރައީސް ޔާމީންގެ ނުފޫޒާއި ބާރުން ހިތުހުރިހާ ގޮތަކަށް ކޯޓް އަމުރުތައް ނެރެ ރައްޔިތުންގެ މުދަލާއި، ވިޔަފާރިތަކަށް ހިތުހުރި ގޮތެއް ހަދާލުމުގެ ފުރުޞަތު ދެމުންގެންދާ ފަނޑިޔާރުންގެ އެޢަމަލުތައް މިއަދު ދިވެހި ރައްޔިތުން ތިބީއަކީ ބަލައިގަންނަ ގޮތަކަށް ނޫންކަންވެސް ހަނދާންކޮށްދީ އެފަދަ ފަރާތްތަކުގެ ޢަމަލުތައްވެސް އިސްލާޙްކޮށް އަނިޔާވެރިނުވުމަށް ނަޞޭޙަތްތެރިވަމެވެ.
ސިޔާސީ މަޤްޞަދުތަކެއް ހާސިލްކުރުމަށްޓަކައި ރައީސް ޔާމީންގެ ސަރުކާރުން ހައްދެއް ހުދޫދެއް ނެތް މިންވަރަށް ރައްޔިތުންނަށް ކުރަމުންދާ މާއްދީ، އިޤްތިޞާދީ، އިޖުތިމާޢީ އަނިޔާ ހުއްޓުމުކަށް ގެނައުމަށް މިއަދު ދިވެހި ލޮބުވެތި ރައްޔިތުން މިތިބީ ކެތްމަދުވެ، ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށްވެސް ތައްޔާރަށްކަން އެއީ މިއަދު މުޅި ޤައުމުންވެސް ފެންނަން އޮތް ހަޤީޤަތެކެވެ.
ޤައުމުގެ އަމަން އަމާންކަން ގެއްލި ނާމާންކަމާއި، ބިރުވެރިކަން ޢާންމުވެ ސިޔާސީ ފަރާތްތަކާމެދު ރައީސް ޔާމީން ހިންގަވާ ޖަރީމާތަކާއި، ވެރިންގެ ކުރިމަތީގައި ރައްޔިތުން ކުޑަކަކޫ މައްޗަށް ތިރިކުރުމަށް ކުރަމުންދާ ޤާނޫނާއި ޚިލާފު ކަންކަމުގެ ފުރިހަމަ ޒިންމާ ރައީސް ޔާމީން އުފުއްލަވަން ޖެހޭނޭކަމާއި، އަދި އެފަދަ ޢަމަލުތައް ބަލާ އިންސާފުގެ ކުރިމައްޗަށް އެފަދަ ފަރާތްތައް ދިވެހި ލޮބުވެރި ރައްޔިތުން ގެންނާނެކަންވެސް ހަނދާންކޮށްދީ އެފަދަ އެންމެހާ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.
18 ޖެނުއަރީ 2018