މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ޖުމްހޫރީ ޕާޓީ އާއިއެކު ގުޅިގެން މަސައްކަތްކުރަން އެއްބަސްވެ ސޮއިކޮށްފިއެވެ.
ޓްރޭޑް ޔޫނިއަން ބުނީ މިފަދަ އެއްބަސްވުމަކަށް ދިއައީ ޖުމްހޫރީީ ޕާޓީގެ ވިަޔަފާރީގެ ސިޔާސަތުތައް އެނގި އެ ސިޔާސަތުތައް ޤަބޫލުކުރާތީ އާއި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އަކީ އުފެއްދުންތެރި އަދި ވިޔަފާރީގެ ދާއިރާގައި އެންމެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ލީޑަރުކަމަށްވާތީ ކަމަށެވެ. ހަމައެއާއިއެކު ދިގު މުއްދަތެއްގައި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގަވައި ކުރިއެރުންތައް ހޯއްދަވާފައިވާ ލީޑަރަކަށް ވާތީ ކަމަށެވެ.
ޓްރޭޑް ޔޫނިއަނުން ބުނީ އެ ޖަމިއްޔާއަކީ އިޤްޠިޞާދީ މަސައްކަތްކުރާ ޖަމިއްޔާއަކަށްވާއިރު އެ ޖަމިއްޔާއަށް ބޭނުންވަނީ އިޤްޠިިޞާދީ ދާއިރާއިން ކުރިއަށް ދިއުން ކަމަށެވެ. އެހެންކަމުން ކޯލިޝަން ހެދުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ ރާއްޖޭގެ އިޤްޠިޞާދަށް އެންމެ ބޮޑުކުރިއެރުމެއް ކަށަވަރުކުރެވޭނެ ގޮތްތަކަށް ކަމަށެވެ. ވިޔަފާރިވެރިންނަށް އެންމެ ބޮޑު ފައިދާއެއް ކުރާނެ ގޮތްތަކަށް ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ޖޭޕީގެ މައި އޮފީސް މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ޖޭޕީގެ ނައިބް ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވީ މިކަން ހަޤީޤަތަކަށް މިގެނެވުނީ ދިގު މުއްދަތެއްގައި ކުރެވުނު މަޝްވަރާތަކެއްގެ ސަބަބުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޖުމްހޫރީ ޕާޓީއަށާއި އިދިކޮޅު ކޯލިޝަނުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.