ޑިފެންސް މިނިސްޓަރު އޮނަރަބަލް އާދަމް ޝަރީފު އުމަރާއި ޖަރުމަން ވިލާތުން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު ޖެން ރޮޑާއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޖަރުމަނާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމުގެ އިތުރުން ޓެރަރިޒަމާއި ހައްދު ފަހަނައަޅާ ދިއުމާ ދެކޮޅަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ މެދުވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖޭގައި ޓެރަރިޒަމްގެ ކަންތައް ހުއްޓުވުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް ޑިފެންސް މިނިސްޓަރު، ޖަރުމަން ސަފީރާ ޙިއްޞާކުރެއްވިކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.
މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ބަންޑާރަކޮށީގައެވެ. މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރުގެ އަރިހުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.