30 މީހުންނާއެކު ހއ.އިހަވަންދޫއިން ހއ.އުތީމަށް ދަތުރުކުރަނިކޮށް އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު ދޯންޏެއް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުނީ ރޭ މެންދަން 12:00 ހާއިރުކަމަށާއި މައުލޫމާތު ލިބުމާއެކު އެ އޭރިއާގެ ލޭންޑިން ކްރާފްޓް ހަރަކާތްތެރިވާން ފެށިކަމަށެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނީ ހއ.ހައިޑްއަވޭ ބީޗު ރިސޯޓް އެންޑް ސުޕާގެ 'މުނާ' ނަމަކަށް ކިޔާ ދޯންޏެއްކަމަށެވެ. އަދި އެ ދޯނީގައި ދަތުރުކުރަމުންދިޔަ 30 މީހުން މިހާރުތިބީ ހއ.އުތީމުގައިކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.