ޖޭޕީއަށް ގޮނޑިތައް ލިބުނީ ރައީސް ޔާމީނުގެ ސަބަބަކުން ނޫން- ރައީސަށް ވެރިކަން ލިބިވަޑައިގަތީ ޤާސިމްގެ ފުރިހަމަ ތާއީދާއެކު: އަމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޖޭޕީއަށް ގޮނޑިތައް ލިބުނީ ރައީސް ޔާމީނުގެ ސަބަބަކުން ނޫން- ރައީސަށް ވެރިކަން ލިބިވަޑައިގަތީ ޤާސިމްގެ ފުރިހަމަ ތާއީދާއެކު: އަމީން
2014 ވަނަ އަަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ގޮނޑިތައް ލިބިފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ދެއްވައިގެން ނުވަތަ އެމަނިކުފާނުގެ ސަބަބަކުން ނޫން ކަމަށާއި ނަމަވެސް ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ފުރިހަމަ ތާއީދާއިއެކުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަމީން މިމޭރުމުން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ގޮނޑިތައް ލިބުނީ "އަޅުގަނޑުމެން" ދިނުމުން ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވުމާއި ގުޅިގެންނެވެ.

އަމީން ވިދާޅުވީ ޤާސިމް އިބްރާހީމް ރައީސް ޔާމީނަށް އެ ތާއީދު ނުދެއްވިނަމަ ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރި ދާއިރާތަކަށް ރައީސް ޔާމީން ކެންޑިޑޭޓުން ނެރުއްވި ކަމަށެވެ.

ޖޭޕީގެ ނައިބް ލީޑަރު ޢަބްދުﷲ ކަމާލުއްދީން މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީން އެކަނި އިންތިޚާބުގައި ވާދަކުރިނަމަ ޕީޕީއެމް އާއި އެއް އަދަދަކަށް ގޮނޑި ލިބޭނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާއަކީ އެކަމުގެ ހެކި ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޢަބްދުﷲ ރިޔާޟް ވިދާޅުވީ އޭނާ މަޖިލީހަށް ހޮއްވެވުމަށް ރައީސް ޢަބްދުﷲ ޔާމީން އެއްވެސް ކަމެއް ކޮށްދެއްވާފައި ނުވާ ކަމަށެވެ.
މިއަދު އޮންލައިން