މިހާރު ބޮލީވުޑްގައި އުފައްދާ ގިނަ ފިލްމުތަށް އުފައްދާފައިވަނީ، ކުރިން ކާޕެޓް ދަށަށްލާ ފޮރުވާފައިވާ ހާލަތްތަކުގެ މައްޗަށް ކަމަށް، ބޮލީވުޑްގައި ހަރަކާތްތެރިވާން ފެށިތާ ކުޑަ ދުވަސްކޮޅެއް ތެރޭގައި ވަރަށް ވެސް ބޮޑު ކާމިޔާބީއަކާއި ބެލުންތެރިންގެ ތަރުޙީބާއި ލޯބި ހޯދާފައިވާ ހުނަރުވެރި އެކްޓްރެސް ވިދްޔާ ބާލަން ބުނެފިއެވެ.
ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) ގެ މެންބަރެއްގެ ގޮތުގައިވެސް މިހާރު އައްޔަނު ކޮށްފައިވާ ވިދްޔާ ބުނީ، މިހާރުގެ ފިލްމުތަކުގައި ހުންނަ ޑައިލޮގްތަކުން ވެސް ސޮސައިޓީގައި ހުރި އެކި ކަހަލަ މައްސަލަތައް ހާމަވާކަން އޭނާއަށް ފެންނަ ކަމަށެވެ.
އެގޮތުން އަކްޝޭ ކުމާރުގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ޓޮއިލެޓް-އޭކް ޕްރޭމް ކަތާ" އަށް ނިސްބަތްކޮށް ވިދްޔާ ބުނެފައިވަނީ އެފިލްމުން ދައްކުވާދެނީ އިންޑިއާގެ ބައެއް ސަރަޙައްދުތަކުގައި މިހާރުވެސް ފާޚާނާ ކުރުމުގެ ދަތިކަން ހުރިކަމާއި، ރަނގަޅު ފާޚާނާއެއް ހުރުމުގެ މުހިންމުކަމާއި ކޮންމެ ފަރުދަކަށްވެސް މިނިވަންކަމާއިއެކު ފާޚާނާ ކުރަން ބޭނުންވާނެ މިންވަރު ކަމަށެވެ.
"ސިނަމާ އަކީ ޙަޤީޤަތުގައި ކަންތައްތައް ވަމުންދާ ގޮތްތައް ސާފުކޮށް ދައްކުވާދޭ ތަނަކަށް ވުމާއިއެކު، ސޮސައިޓީގައި ހުރި މިފަދަ މައްސަލަތައް ސިނަމާއިން ނުހަނު ސާފުކޮށް ދައްކުވާދީ އާންމުންގެ ސަމާލުކަމަށް ގެނެސްފައިވާކަން ފާހަގަވޭ" ވިދްޔާ ބާލަން ބުނެފައިވެއެވެ.