ތުނޑިމަތިން ފެންނަމުންދިޔަ ކުޑަ ކުއްޖާ (ނުވަވަނަ ބައި)

ކިޔުމަށް ހޭދަވާނީ 9މ 53ސ
ތުނޑިމަތިން ފެންނަމުންދިޔަ ކުޑަ ކުއްޖާ (ނުވަވަނަ ބައި)
ވަގުތީ ގޮތުން ވިޔަސް ބޭބެ ދޫކޮށްލުމުން އަހަރެން ވަރަށް އުފާވިއެވެ. ފުލުހުން ހޮސްޕިޓަލުން ދިޔުމުން ވެގެން އުޅޭ ގޮތް އަހަންނަށް ކިޔާދޭން ބޭބެ ގާތު އެދުނީމެވެ. ބޭބެ ބުނީ އެވަގުތު ބުނެވޭނީ، ބޭބެ އެގޮތަށް ވެސް ސަލާމަތްވީ ބޭބެގެ ރައްޓެއްސެއްގެ ސަބަބުން ކަމަށާއި އެއީ އޭނަ ކުރި އިތުބާރުން ވީކަމެއް ކަމަށެވެ. އެވާހަކައިގެ ތަފްސީލު އެރޭ ތަންކޮޅެއް ފަސް ވަގުތެއްގައި، އެރަޙްމަތްތެރިޔާ ގެވެސް ހާޒިރުގައި އަހަންނަށް ކިޔާދޭނެ ކަމަށް ބޭބެ ބުންޏެވެ. އެހިސާބުން އަހަރެން ނިންމީ ތައްޚާންބެ ގެ ވާހަކަ ބުނާށެވެ. ތައްޚާނުބެ އަހަންނާއި ބައްދަލުކުރި ކަމާއި އޭގެ އަނެއް ރޭ މަސައްކަތަށް ފަށާނެ ކަމަށް ބުނި ވާހަކަވެސް ބުނީމެވެ. ބޭބެ ހުރީ އެކަންތައް ކުރަން ތައްޔާރަށެވެ.

އެރޭ ހޮސްޕިޓަލުގައި ތިބެފައި ގާތްގަނޑަކަށް 10 ޖަހަން އުޅެނިކޮށް އަހަންނާއި ބޭބެ ނިކުތީ ގެއަށް ދާށެވެ. ހޮސްޕިޓަލުން ނިކުތް އިރު ދައްތަ ވަރަށް ރުޅިއައިސްގެން އަހަރުމެންނާއި ދިމާލަށް ބަލަން ހުއްޓެވެ. އަދި ވަރަށް ބާރަށް އަހަރުމެންނާއި ދިމާލަށް އައިތަން ފެނުމުން އަހަރެން ބިރުން ބޭބެގެ ފަހަތަށްވަދެ ފިލީމެވެ.

"ތިކުރަން އުޅޭ ކަންތައްގަނޑު އަހަންނަށް އިނގޭ. ކަލޭ ސަލާމަތްވި ގޮތްވެސް އަހަންނަށް އިނގޭ. ހީނުކުރާތި އަބަދު ތިހެން ސަލާމަތް ވެގެން އުޅެވޭނޭ. ދެން އެކަކަށްވެސް ނުބަލާނަން. ދެން ކަންތައްވާނެ ގޮތްވެސް ބަލަން ހުންނާތި." ރުޅިވެރިކަމާއިއެކީ ދައްތަ ބުންޏެވެ.

އަހަންނާއި ބޭބެ އެއްވެސް އެއްޗެއް ނުބުނަމެވެ. ސައިކަލަށް އެރުމުން ބޭބެ އަހަރެން ގެންދިޔައީ އެރަށުގެ އަތިރިމައްޗާއި ދިމާލަށެވެ. ބޭބެ އަހަރެން ގެންދަނީ ގެއަށް ނޫންކަން އެނގުން ކަމުގައި ވިޔަސް ސުވާލެއް ނުކޮށް ބޭބެ ގެންދާތާކަށް ދެވެންދެން އަހަރެން މަޑުން އިނީމެވެ.

އަތިރިމަތީގެ ގަސްތައް ކައިރިއަށް މަޑުކޮށްފައި ސައިކަލުން ނުފައިބާ އަހަރުމެން މަޑުކޮށްލީމެވެ. އޭގެ އިރުކޮޅެއް ފަހުން އެތަނަށް އެހެން ސައިކަލެއް ގޮސް މަޑުކޮށްލިއެވެ. އެއީ ކާކުތޯ ބަލާލުމުން އަހަންނަށް އެނގުނީ އެއީ، އެދުވަހު ހޮސްޕިޓަލަށް ދިޔަ ފުލުސް މީހާ ކަމެވެ. އެމީހާ ފެނުމުން އަހަރެން ވަރަށް ހައިރާންވިއެވެ. ނަމަވެސް އެމީހާ އަހަންނާއި ދިމާލަށް ފާޑަކަށް އެދުވަހު ބެލީ ކީއްވެކަން އަހަންނަށް އެނގެން ފެށިއެވެ. އެމީހާއަކީ ބޭބެ ދަންނަ މީހެކެވެ. ބޭބެ އެބުނާ ރައްޓެހި މީހާއެވެ.

"މިއީ ބޭބެ ބުނި ރައްޓެއްސަކީ." އަހަރެންގެ ހިތުގައި އޮތް ފަދައިން ބޭބެ ވެސް ބުންޏެވެ.

"މިކިޔާދެނީ ވަރަށް ބޮޑު ސިއްރެއް. ބޭބެއަށް ވަގުތީ ގޮތުން ވިޔަސް ގޮޅިން ސަލާމަތް ވެވުނީ މިރަޙްމަތްތެރިޔާގެ ސަބަބުން. މިއީ ބޭބެގެ ގާތް ރަޙްމަތްތެރިއެއްކަން ގިނަ މީހުންނަކަށް ނޭނގޭނެ." ފުލުސް މީހާ އަށް ތަޢުރީފް ކުރަމުން ބޭބެ ކިޔާދިނެވެ.

"ކިހިނެއް އޭނަ ބޭބެއަށް އެހީވީ" އަހަންނަށް ކެތް ނުކުރެވިގެން އަހާލީމެވެ.

"ބޭބެއާއި އިދިކޮޅަށް އަހަރުމެން (ފުލުހުންނަށް) ލިބުނު ހަމައެކަނި ހެއްކަކީ އެކަތިވަޅީގައި ބޭބެގެ އިނގިލީގެ ނިޝާން ހުރުން. ޙަޤީޤަތުގައި އެނޫން އެހެން އެއްވެސް ހެއްކެއް ނެތް. އެހެންވެ އެވެރިން ނިންމީ ބަޔާން ނަގަން ގެނެސްގެން އެކި ގޮތްގޮތުން ސުވާލުކޮށް ބިރު ދައްކައިގެން ވިޔަސް ބުނުވަން ބޭބެއޭ އެކަން ކުރީ. އެހެންވެ ތިއާއިލާއިން ފަހަރަކު މީހަކު ގެނައީ ބަޔާން ނަގަން. އެކަމަކު ބޭބެ އެކަން ނުކުރާނެއޭ ބުނެ ތިއެންމެންވެސް ބަޔާން ދިނުމުން، އަދި އެކި ގޮތްގޮތަށް ސުވާލުކޮށްގެން ވެސް ބަޔާން އެނޫން ގޮތަކަށް ބަދަލު ނުކުރުމުން އެމީހުން ގޮތް ހުސްވި. ތިމީހުންނާއި ސުވާލު ކުރުމުގެ ކުރިން، އެމީހުން ނިންމީ ބޭބެއާއި އެކި ގޮތްގޮތުން ސުވާލު ކުރަން. ނަސީބަކުން ބޭބެގެ ބަޔާން ނަގަން ހަވާލުކުރީ އަހަންނާ. އަހަންނަކީ ބޭބެގެ ވަރަށް ގާތް އެކުވެރިއެއް. އެކަން ގިނަ މީހުންނަކަށް ނޭނގޭނެ. އަހަންނަށް މަޖުބޫރުވި ސުވާލުކުރާ ކޮޓަރީގައި ބޭބެއާއި ހަރުކަށިކޮށް ސުވާލު ކުރަން. އެކަމަކު ބޭބެއަށް ބަލައިލާފަވެސް އަހަންނަށް އެނގުން ބޭބެ ކުށެއް ނުކުރާކަން. އެހެންވެ ފަހުން، ރަނގަޅު ވަގުތެއް ބަލާފަ އަހަރެން ބޭބެއާއި ގޮޅިން ބައްދަލުކޮށްފައި ވެގެން އުޅޭ ގޮތް އަހާލިން. ބޭބެ ހުރިހާ އެއްޗެއް ކިޔާދިނުމުން އަހަރެން ނިންމީ އެހީތެރިވުމަށް. އެގޮތުން ބޭބެގެ ފަރާތުން އިތުރު ހެކި ހޯދުމަށާއި، ބޭބެ ދޫކޮށްލައިފިނަމަ އެޅޭ ޅައެއްޗަކުން ވެސް ހެއްކެއް ލިބިދާނެއޭ ބުނެ އެޙިޔާލު ބޮޑެތި މީހުންނަށް ދީގެން ތާޢީދު ހޯދައިގެން ބޭބެ މިނިވަން ކުރީ" ބޭބެއާއި އަހަރެން ކުރި ސުވާލަށް ވަރަށް ތަފްސީލްކޮށް އޭނާ ޖަވާބު ދިނެވެ.
އަހަރެން ވަރަށް ބޮޑަށް ހިތްހަމަ ޖެހުނެވެ. ވެރިވެފައިވާ އަނދިރިގަނޑުން ސަލާމަތްވާން ފުރުސަތު ތަކެއް ލިބެން ފަށައިފި ކަމުގެ އުއްމީދު އާލާވެގެން ދިޔައެވެ. އަނެއްދުވަހުގެ ރޭ ތައްޚާނުބެ ގެ މަސައްކަތް ފަށަން ބުނެފައިވާތީ ތިންމީހުންވެސް ނިންމީ ތައްޚާނުބެ އާއި ވާހަކަ ދައްކާލަން ދާށެވެ. ބޭބެގެ ރަޙްމަތްތެރިޔާ ބުނީ ތިން މީހުން އެއްކޮށް ދިޔުން ރަނގަޅު ނުވާނެ ކަމަށާއި އަހަރުމެން ކުރިން ދިޔުމަށެވެ. އަހަރުމެންގެ ފަހަތުން އޭނާ ދާނެ ކަމަށާއި ތައްޚާނުބެގެ ގެއަށް އޭނާ ވަންނާނީ އަހަރުމެން އެގެއަށް ވަންނަތާ ގަޑީރެއްވަރު ފަހުން ކަމަށެވެ.

އެގޮތަަށް އެއްބަސް ވެގެން، އެގެއަށް ދާން ތައްޚާނުބެއަށް ގުޅާ ހުއްދަ ހޯދާފައި، އެގެއަށް ދާން ވެގެން ދިޔައީމެވެ. އަހަންނާއި ބޭބެ އަތިރިމަތިން ނައްޓާލިއިރު ވެސް ބޭބެ ގެ ރަޙްމަތްތެރިޔާ އެތަނުގައި ހުއްޓެވެ. ތައްޚާނުބެގެ ގެއަށް ގޮސް، އޭގެ އަނެއް ރޭ ކަންތައް ކުރާނެ ގޮތާއިމެދު މަޝްވަރާކުރަން ބޭބެއާއި ތައްޚާނުބެ ފެށިއެވެ. ކޮންމެވެސް ކަމަކާއި ހެދި އަހަންނަށް ނުބައި ހީވުމެއް ހީވާން ފެށިއެވެ. ކޮންމެވެސް ކަމެއް ވަރަށް ގޯސްކޮށް ވާން އުޅޭ ކަމުގެ އިޙުސާސް އަހަރެންގެ ހިތަށް ވަންނަން ފެށިއެވެ. އެއީ ކީއްވެ ކަމެއް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އެޙިޔާލު ހިތު ތެރެއިން ފިލުވާލަން އުޅުނުވަރަކަށް ބޮޑަށް ހިތަށް އަރަމުން ދިޔައީ ކޮންމެވެސް ގޯސްކަމެއް ވާން އުޅޭ ކަމެވެ.

ފުން ޚިޔާލެއްގައި އަހަރެން އިންތަން ފެނިގެން، ކިހިނެއްވީތޯ ބޭބެ ސުވާލު ކުރިއެވެ. ކޮންމެވެސް ގޯސްކަމެއް ވާން އުޅޭހެން ހީވަނީއޭ ބުނުމުން ބޭބެ ބުނީ، އެއީ އެރޭ މާގިނަ ކަންތައްތަކެއް ފެނި އަދި އިވުމުން ހީވާ ހީވުމަކަށް ވެދާނެ ކަމަށާއި އެކަމާއި އެވަރަށް ނުވިސްނުމަށެވެ. ތެދެކެވެ. އެރެއަކީ އެއްފަހަރާ ވަރަށް ގިނަ ކަންތައްތަކެއް އަހަރެންގެ ބޮލަށް ވަތް ރެއެކެވެ. ވީމާ، އެފަދަ ޚިޔާލެއް އައުން އެކަށީގެންވެއެވެ. އެހެންވެ އަހަރެން ނިންމީ އެޚިޔާލު އަހަރެންގެ ބޮލުތެރެއިން ފިލުވާ ލުމަށެވެ.
ތައްޚާނުބެގެ ގެއަށް ދިޔަފަހުން ދެގަޑީރު ވެއްޖެއެވެ. ބޭބެގެ އެރަޙްމަތްތެރިޔާގެ އެއްވެސް ހިލަމެއް ނުވިއެވެ. ދަންވެފައިވާތީ އަހަރެންވެސް ނިދިއަންނަން ފެށިއެވެ. ބޭބެއާއި ތައްޚާނުބެ ވެސް އިނީ ވަރުބަލިވެފައެވެ. ތައްޚާނުބެއަކީ ވަރަށް ފަތިހު ހޭލާ މީހަކަށްވާތީ އަހަރުމެން ނިންމީ ދެން އިތުރަށް އޭނާއަށް އިންތިޒާރުނުކޮށް ގެއަށް ދާށެވެ. އޭނާ ގެންގުޅޭ ސިއްރު ނަންބަރަށް ބޭބެ ގުޅިއިރު އެފޯނު އޮތީ ނިއްވާލާފައެވެ. އެހެންކަމުން އަހަރުމެން ނިންމީ ކުއްލިއަކަށް އޭނާ ކަމެއްގައި ދާން ޖެހިގެން ދިޔައީ ކަމަށެވެ.

ތައްޚާނުބެގެ ގެއިން ނިކުމެގެން ސައިކަލަށް އަރާ އެގޭ ކަންމައްޗަކާއި ހަމައަށް އަރާފައި ކުއްލިއަކަށް ބޭބެ ސައިކަލު ބުރަކި ޖައްސާލިއެވެ. ކަނު އަނދިރީގެ ތެރެއިން މާދުރު ނޫން ހިސާބެއްގައި ދެއަތްއުރާލައިގެން ހުއްޓި ހުރެ އަހަރުމެންނާއި ދިމާލަށް ބަލަން ހުރީ ދައްތައެވެ. ނޫނެކެވެ. ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ކުއްޖާއެވެ. އެކަން އެނގުނީ ދައްތަގެ ރަތްވެފައިވާ ދެލޯ ފެނުމުންނެވެ. ދައްތައާއި ދިމާލަށް ދާކަށް ބޭބެއަކަށް ނުކެރުނެވެ. އަހަރެންވެސް އިނީ ވަރަށް ބިރުންނެވެ. އެހެންކަމުން ވަރަށް އުނދަގުލުން ސައިކަލު އަނބުރާލާފައި އޭގެ އަނެއް މަގަށް އަޅަން ސައިކަލު ސްޓާޓް ކޮށްލިއިރު ދައްތަ ހުރީ ސައިކަލުގެ ކުރިމަތީގައެވެ. ބޭބެ ދެލޯ ބޮޑުވިއެވެ. އަހަރެންވެސް ބިރުންގޮސް ގަޔަށް ކުޑަކަމު ދެވޭ ވަރުވިއެވެ.
"ހާދަ ބިރެއް ތިގަތީ" ހޭން ފަށާފައި ދައްތަ ބުންޏެވެ. އެއިރުވެސް ދެލޮލުގެ ރަތްކަން ނުފިލައެވެ.

"ތިވަރުން ކިހިނެއް ތިކުރަން އުޅޭ ކަންތައް ކުރާނީ؟" އަނެއްކާވެސް ދައްތަ ހޭން ފެށިއެވެ. އަހަންނަށް ހީވީ ޙަޤީޤީ ބިރުވެރި ފިލްމެއް ފެންނަހެންނެވެ. ނަމަވެސް ބިރުވެރި ފިލްމަކަށްވުރެ ވެސް މިކަންތައްގަނޑު މާބިރުވެރިއެވެ.

ބޭބެއާއި ކައިރި ވެލާފައި ދައްތަ އެހިއެވެ. "ކޮބާ ރަޙުމަތްތެރިޔާ؟ ގަޑީރެއްފަހުން އަންނަން ބުނެފަ ވެސް ނާދޭދޯ؟ ކިހިނެއް އިނގެނީ ދެން އޭނައަށް އާދެވޭނެ ކަމެއް ވެސް؟ ހުންނާނެ ދޯ ފުލުހަކަށް ވެސް ސަލާމަތް ނުވެވޭނެ ކަންތައް ހާހާހާހާ.."
ދައްތަ މިހެން ބުނުމުން ބޭބެގެ ރަޙުމަތްތެރިޔާ އަށް އެޖިންނި ކުއްޖާ ކަމެއް ކޮށްފިކަން އަހަރުމެންނަށް ޔަޤީންވިއެވެ.

"ކަލޭ އޭނައަށް ކީއްކުރީ؟" ކުރިން ކިތަންމެ ބިރުގަތް ކަމުގައި ވިޔަސް ރަޙުމަތްތެރިޔާއާއި ބެހޭ ގޮތުން އެފަދަ އެއްޗެއް އިވުމުން ބޭބެ ފުދޭވަރަކަށް ރުޅިއައިސްފައި އެއްސެވެ.

"އޯހޯ. ރުޅިއައީތަ؟ ހަހަހަހަހަ.. ތިހެން މަގޭ ކައިރީގަ މޭފުއްޕީމަ މަ ބިރު ގަންނާނެ؟ ކަލޭމެން އިންސާނުންނަށް ނޭނގޭދޯ އެކަކު އަނެކަކަށް ފުއްޕުން ނޫން ކަމެއް؟ ދެން ތިހާ ރަޙުމަތްތެރިޔާ ހޯދަން ބޭނުމިއްޔާ ދާންވީނުދޯ އޭނަ ހޯދަން. ކިހިނެއް އިނގެނީ، ހިއްކަން އަޅުވާފަ އޮތް އަންނައުނެއްހެން ގަހެއްގަ އެލުވާފަވެސް އޮވެދާނެ ދޯ" ކުރެވުނު ކަންތަކާއި ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެންހުރެ ދައްތަ ބުންޏެވެ.

ދައްތަގެ އެވާހަކަތައް އިތުރަށް އަޑުއަހާކަށް ބޭބެ މަޑެއް ނުކުރިއެވެ. ރަޙުމަތްތެރިޔާއަށް ވީގޮތެއް ހޯދަން އަލުން ދިޔައީ އަތިރިމައްޗާއި ދިމާލަށެވެ. މަޑުމަޑުން ދުއްވަމުން ގަސްތަކާއި ދިމާ ބަލަމުން ގެންދިޔައެވެ. އަހަރުމެން ސައްލާ ކުރަން އެއިރު ތިބި ތަނަށް ދެވުމުން ސައިކަލުން ފައިބާފައި އެސަރަޙައްދު ބަލަން ފެށިއެވެ. ނަމަވެސް އެތަނުން ބޭބެގެ ރަޙުމަތްތެރިޔާގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. އަހަރެންގެ ބޮލުގައި ރިއްސަން ފެށިއެވެ. ބޭބެ ގާތު އެއީ އަނެއްކާވެސް ބޭބެ ފްރޭމް ކުރަން ކޮށްފައިވާ ކަމަކަށް ވެދާނޭ ބުނެ އަވަހަށް އެތަނުން ދާން ހިނގާށޭ އަހަރެން ބުނީމެވެ.

އޭނާ ނުހޯދާ ދާންވީތޯ އެހުމުން އަހަރެން ބުނީ، ދައްތަ އެބުނި ބަސްތައް ޤަބޫލު ކުރެވޭ ކަމަށާއި ނަމަވެސް ބޭބެގެ ރަޙުމަތްތެރިޔާ ފެނިއްޖެނަމަ އެކަމުގައި ބެދޭނީ އަހަރުމެންކަމަށް ވެދާނެ ކަމަށް އަހަރެން ބޭބެއަށް ވިސްނާދިނީމެވެ. އެއީ ބޭބެ ދޫކޮށްލާފައި ހުރީ ވަގުތީ ގޮތުން ކަމަށްވެފައި، ހާދިސާއެއް ހިނގައިފި ނަމަވެސް އެކަން ބޭބެއަށް ފެނި، އެތަނެއްގައި ބޭބެ ހުރިކަން ފުލުހުންނަށް އެނގިއްޖެނަމަ ކޮންމެހެން ވިޔަސް ތުހުމަތު އެޅޭނީ ބޭބެގެ ބޮލުގައި ކަމަށްވާތީއެވެ. އަހަރެން ދެއްކި ވާހަކަ ބޭބެ ޤަބޫލުކުރިއެވެ. އަދި އިތުރަށް އެކަމާއި ނޫޅެ، ހިތާއި ދެކޮޅަށް ބޭބެގެ ރަޙުމަތްތެރިޔާ ހޯދުން ހުއްޓާލާފައި ގެއަށް ދާން ބޭބެ އެއްބަސްވިއެވެ.

ގެއަށް ދިޔުމަށްފަހު އަހަންނަކަށް ވެސް އަދި ބޭބެއަކަށް ވެސް ފުރަތަމަ ނުނިދުނެވެ. ދެމީހުންވެސް ސިޓިންގ ރޫމުގައި ތިބީ އަނެއް ދުވަހު އިރު އެރުމުގެ އިންތިޒާރުގައެވެ. ކޮންމެވެސް މީހެއްގެ ފަރާތުން ބޭބެގެ ރަޙުމަތްތެރިޔާގެ ޚަބަރެއް ވާނެ ވަގުތުގެ އިންތިޒާރުގައެވެ.

އެހެން ވަރަށް ގިނައިރު ތިބުމަށްފަހު ފަތިސްވީ ފަހުން އަހަރުމެންނަށް ކުޑަކޮށް ނިދިޖެހުނެވެ.

"އާއާއާއި... މާތް ކަލާކޯ.. ސުބްޙާނަﷲ.. މީހެކޭ..މީހެކޭ.. އަވަހަށް މިތަނަށް އައިސްބަލަ" އަހަރުމެންނަށް ހޭލެވުނީ އެގޭ މާމަގެ ހަޅޭކުގެ އަޑަށެވެ. މާމަގެ އަޑުން، ހުރީ ވަރަށް ބިރުގެންފައިކަން އެނގުނެވެ. އެހެންކަމުން އަޑު އަންނަ ދިމާލަށް އަހަރުމެން ދިޔައިމެވެ. އަހަރުމެންނާއި އެކު އެހެން ބަޔަކުވެސް ދިޔައެވެ.

އެގޭ ބިއްދޮށުގައި ހުރި ގަސްތަކު ތެރެއިން ވަދެގެން ގޮސް ބެލިއިރު ފެނުނު މަންޒަރަކުން އަހަރެން ބޮލަށް ވަރަށް ބޮޑަށް އެނބުރުން އަރާ ހޮޑުލެވުނެވެ. ގަސްތަކުގެ ތެރޭގައި ހުރި ފޭރާއަކަށް އެމުނި، ބުރަކަށިން އެފޭރާ ނިކުމެ މަރުވެފައި އޮތީ ބޭބެގެ ރަޙުމަތްތެރި ފުލުސް މީހާއެވެ. ލޭތައް އެއިރުވެސް އޮހޮރުން އެއްކޮށް ނުހުއްޓެއެވެ. އޭނާއަށް ބަލަން ހުންނަން އަހަންނަށް ނުކެރުނު ކަމުގައި ވިޔަސް، ހިތްވަރެއް ކޮށްފައި އަނެއްކާވެސް ބަލާލީމެވެ. ބޯކޮޅު ވެއްޓިފައި އޮތްއިރު، އޭނާގެ ހަށިގަނޑަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާކަން އަހަންނަށް ފާހަގަވިއެވެ. ބޭބެ ހުރީ އެމަންޒަރުތައް ފެނިފައި ޝޮކެއްގައެވެ. ނަމަވެސް ރަޙުމަތްތެރިޔާގެ ފުރާނަ ނެތް މަސްގަނޑު ފޭރާއިން ނައްޓަން އެހެން މީހުންނާއިއެކު އެހީވެ، ބިމުގައި ބޭއްވިއެވެ. އޭނާގެ މޫނު ފެނުނީ އެވަގުތުއެވެ. ބޭބެގެ ރަޙުމަތްތެރިޔާގެ ދެލޮލެއް ނެތެވެ. ދެލޯ ހުރީ އެއްކޮށް ކޮނެ ނަގާފައެވެ.

(10ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)

މިއަދު އޮންލައިން