ބެންޗް ބަދަލުކުރި ނަމަވެސް އުންމީދަކީ އިންސާފު ލިބުން: ޖުމްހޫރީ ޕާޓީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ބެންޗް ބަދަލުކުރި ނަމަވެސް އުންމީދަކީ އިންސާފު ލިބުން: ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް، ބެންޗް ބަދަލުކޮށްގެން ކުރިއަށް ގެންދިއަ ނަމަވެސް އިންސާފު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާރ ސައުދު އަހްމަދު މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވާ މައްސަލަތައް އަލުން އަނބުރާ މިއަދު ކްރިމިނަލް ކޯޓަށް ވެއްދުމުން ޕާޓީއަށާއި ގިނަ ބައަކަށް ސިހުން ލިބުނު ކަމަށެވެ.

ސައުދު ވިދާޅުވީ އެންމެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހަށް ދައުލަތުގެ ވަކީލުން ހާޒިރުނުވެގެން މައްސަލަތައް ކޯޓުން ބާޠިލު ކުރުމުން ބެލެވިފައި އޮތީ އެ މައްސަލަތައް އިތުރަށް ކުރިއަށް ގެންދަން ސަރުކާރުން ބޭނުން ނުވަނީ ކަމަށް ކަމަށެވެ.

މިމަހުގެ 10 ވަނަ ކްރިމިނަލް ކޯޓުގައި ޤާސިމް އިބްރާހީމްގެ މައްސަލަތައް ވަނީ 3 ފަހަރެއްގެމަތިން ކުރިއަށް ގެންގޮސްފައެވެ. އެއިގެ ތެރެއިން 2 ބައްދަކލުވުމަށް ދައުލަތުގެ ވަކީލުން ވަޑައިގެންނެވިއެވެ. ނަމަވެސް ރޭގަނޑު 7:00 ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގެ ބައްދަލުވުމަށް ދައުލަތުގެ ވަކީލުން ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން މައްސަލަ ކޯޓުން ބޭރުކުރިކަން ބަޔާންކޮށް ދިން ލިޔުމުގައި ބުނެފައިވަނީ މައްސަލަތައް ބާޠިލުކުރީ ދައުލަތުގެ ވަކީލުންނާއި ތަކުރާރުކޮށް ކޯޓުން ގުޅުމުން ވެސް ހާޒިރު ނުވުމުން ކަމަށެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގައި އިސްކޮށް އިންނެވި ކޯޓުގެ އިސް ޤާޟީ ޢަބްދުލްބާރީ އާއި ފަނޑިޔާރު އަހްމަދު ޝަކީލް ވަނީ އެރޭ ދަންވަރު އެ ކޯޓުން އެހެން ކޯޓުތަކަށް ބަދަލުކޮށްފައެވެ.
މިއަދު އޮންލައިން