ޢިޝާ ނަމާދަށް ބަންގި ގޮވުމާއި ހަމައަށް ދައްތަ އޮތީ އެފަދަ ހާލެއްގައެވެ. ކަޅި ގެއްލިފައިވާއިރު އަނގައިން ފާޑެއްގެ ބިރުވެރި އަޑެއްވެސް ލެއްވިއެވެ. އަހަރުމެންގެ އިތުރުން، ވޯޑުގައި އެވަގުތު ތިބި މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންވެސް ތިބީ ބިރުންނެވެ. ދައްތައަށް ވަމުން ދިޔަ ގޮތްތަކަކީ ޑޮކްޓަރީ ބޭސްފަރުވާއިން ރަނގަޅު ކުރެވޭނެ ކަމެއްބާއޭ އެމީހުންގެ ހިތަށްވެސް އަރާކަހަލައެވެ.
އިޝާ ނަމާދު ފަހުން އަނެއްކާވެސް ދައްތަ ހޭނެތުނެވެ. އައިވީ ގުޅާފައި ބޭއްވުމަށްފަހު ޑޮކްޓަރު ބުނުއްވީ، ދައްތައަށް ނަފްސާނީ ގޮތުން ގެއްލުންވެފައިވާހެން ހީވާ ކަމަށާއި ވީހާވެސް އަވަހަށް ދައްތަ މާލެ ގެންދިޔުމަށެވެ. އެހެންކަމުން މާލެއަށް އެނބުރި ދިޔުމަށް އެންމެންވެސް ދަތުރު ހަދަން ފެށިއެވެ. އެރޭ 11:00 ޖަހާއިރު އިން ފްލައިޓަށް އެންމެންނަށް ޓިކެޓުވެސް ނެގިއެވެ. އެންމެންގެ ފޮށި ތަންމަތި ބަންދުކޮށް، ހޮސްޕިޓަލުން ދައްތަ ގެންދިޔުމަށް ބޭނުންވާ ލިޔެކިޔުންތައް ވެސް ހޯދާ ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ހަމަޖެހުނެވެ.
ގަޑިން ގާތްގަނޑަކަށް 9:00 ޖަހަން އުޅެނިކޮށް، ވޭނަކަށް އަރައިގެން އެންމެންވެސް ދިޔައީ އެއާރޕޯޓަށް ދިޔުމަށެވެ. ވޭނަށް އެރިފަހުން ގާތްގަނޑަކަށް 45 މިނެޓު ވެއްޖެއެވެ. ދުއްވާ ދުއްވާވެސް އެއާރޕޯޓު ފެންނަވަރެއް ނުވިއެވެ. އަހަރެން ހަނދާންވާ ގޮތުގައި، ޗުއްޓީއަށް އެރަށަށް އައިސް އެއާރޕޯޓުން އެގެއަށް ދާންވެގެން ވޭނުގައި ދިޔައިރު އެހާ ގިނައިރެއް ނުނަގައެވެ. ވާނީ ގާތްގަނޑަކަށް އެންމެ ގިނަ ވެގެންވެސް 20 ވަރަކަށް މިނެޓެވެ. ނަމަވެސް އެރޭ އެހާގިނައިރު ވީއިރުވެސް އެއާރޕޯޓަށް ނުދެވުމުން، އެއީ ކޮންމެވެސް އެހެންކަމެއް ވެގެންނޭ އަހަރެންގެ ހިތަށް އެރިއެވެ.
"ޑްރައިވަރު، ކީއްވެތަ އެހާ ލަސްވަނީ؟ ދިގުމަގަކުންތަ ތިދަނީ؟" ވަރަށް ގިނައިރު ދުއްވިއްޖެކަން އިޙުސާސް ކުރެވުމުން، ޑްރައިވަރުގާތު ބައްޕަ ސުވާލު ކުރިއެވެ.
"ނޫން ކުރިންވެސް އައި މަގުން ހަމަ މިއެޅީ. އެކަމަކު އެހެރަ ގޯޅިން އެޅިފަހުން ދެން މިފެންނަނީ ކުރިން ނުދެކޭ މަގުތަކެއް. އެހެންވެެެެ ދެވޭ ނުދެވޭ ތަނެއް ނޭނގިފަ މިއިނީ" ޑްރައިވަރު އެހެން ބުނުމުން އަހަރެންވެސް މަގަށް ބަލާލީމެވެ. ދެކޮޅުން ވެސް ފެންނަނީ ގަސްތަކެވެ. އަލިކަމެއް ނެތެވެ. މަގުމަތި އެޅީކަން އަހަންނަށް ކަށަވަރުވިއެވެ. ބިރުގަތް ނަމަވެސްއެއްވެސް އެއްޗެއް ނުބުނެ އިނީމެވެ.
ޑްރައިވަރު ކީއެއްޗަކަށް ބައްޕަ އެހާ ފަރުވާލެއް ނުބަހައްޓައެވެ. އަވަސް ކޮށްލުމަށް އެދިފައި ބައްޕަ ބުނީ ޗެކިންގ ބަންދު ކޮށްފާނެ ކަމަށެވެ. ވޭންގެ ދުވެލި ތަންކޮޅެއް ބާރު ކޮށްލިއެވެ. ނަމަވެސް އޭގެ ފަހުން 15 މިނެޓު ވީއިރުވެސް ފެންނަމުން ދިޔައީ ހަމައެއް މަގެކެވެ. އެހެންގޮސް ގަޑިން 10:30 ވެއްޖެއެވެ. ދެން ނުފުރޭނެކަން އެނގުމުން ބައްޕަބުނީ އަނބުރާލާފައި އެގެއަށް ދިޔުމަށެވެ. އަދި އެގޭ ދައްތައަށް ވެސް ގުޅާފައި ކަންހިނގިގޮތް ކިޔާދީ އަލުން އަހަރުމެންނަށް މަޑުކުރެވޭނެ އިންތިޒާމް ހަމަޖެއްސިއެވެ. ދެން ނުފުރޭނެކަން އެނގުމާއިއެކީ، އެއިރު ދުއްވި މަގު ބަދަލުވެއްޖެހެން ހީވާންފެށިއެވެ. ކުއްލިއަކަށް ޑްރައިވަރު ވޭން މަޑުކޮށްލިއެވެ. އަދި ވަރަށް ހައިރާންކަމާއިއެކީ މަގަށް ބަލަން ފެށިއެވެ. ކިހިނެއްތޯވީ ސުވާލުކުރުމުން ޑްރައިވަރު ބުނީ، އާދެވިފައި ތިބީ ތުނޑިއަށްދާ މަގަށް ކަމަށާއި ކުރިމަތީގައި ފެންނަން އެއޮތީ ތުނޑި ކަމަށެވެ. އަދި އެއީ ރަށުގެ އަނެއްކޮޅު ކަމަށާއި ތުނޑިއާއި ދިމާލަށް ދެވުންގޮތެއް ހަމައެއްގޮތަކަށް ވެސް އޭނާއަަށް ނޭނގޭކަމަށް އޭނާ ބުންޏެވެ.
"ހެހެހެހެހެހެހެހެ" މީހެއްގެ ހުނުމުގެ އަޑަށް އެންމެން ސިއްސައިގެން ގޮސް ބަލާލިއިރު، އެއީ ދައްތަގެ އަޑެވެ. އެހުރިހާއިރު ހޭނެތިގެން އޮވެފައި ކުއްލިއަކަށް ހޭއެރުމުން އަހަރެން އުފާވެސް ވިއެވެ. ނަމަވެސް އެވަގުުތުކޮޅު އެންމެންވެސް ބޮޑަށް ގަތީ ބިރެވެ.
"ދެވޭނެހެން ވަރަށް ހީވިދޯ؟ ނުވާނެ ތިމަކެއް. ދާން އުޅޭއިރަށް އަހަރެން ކައިރިއަށް އެނބުރި ގެންނާނަން" ބިރުވެރި ރާގަކަށް ދައްތަ އިންޒާރު ދިނެވެ.
ދައްތަގެ ބަސްތަކުން ޑްރައިވަރުވެސް ސިހުނެވެ. ބައްޕަ އޭނާ ގާތު ބުނީ އަހަރުމެން ކުރިން ތިބި ގެއަށް ގެންދިޔުމަށެވެ. ވަރަށް ބިރުން އިން ގޮތަކަށް އޭނާ ވޭން ފަހަތަށް ޖައްސާފައި ތުނޑިއާއި ދުރަށް ދުއްވަން ފެށިއެވެ. ފަހަތަށް ދިޔަ ވަގުތު ބިއްލޫރިގަނޑުން ބޭރު ބަލާލިއިރު، ތުނޑިއާއި ދިމާލުން ކުޑަކުޑަ ހިޔަންޏެއް ފެންނަހެން އަހަންނަށް ހީވިއެވެ. އަހަރުމެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރިހެން ވެސް ހީވިއެވެ.
އެދިގު ދަތުރަށްފަހު ގެއަށް ދެވެންދެން ދައްތަ އިނީ ހޭލައެވެ. ނަމަވެސް ވަރަށް ތަފާތެވެ. ފާޑަކަށް ހިނިއައިސްފައި އެންމެންނާއި ވާހަކަ ދައްކަން އިނީއެވެ. ގެއާއި ހަމައަށް ދެވުމުން ދައްތަ ފެނިފައި އެގޭ މާމަމެން ވަރަށް އުފާވިއެވެ. ދައްތައަށް މިހާރު އެއްވެސް ކަމެއް ނުވާފަދައެވެ. ކުރިން ހުންނަ ސަމާސާ މިޒާޖު ،އޭގެ ދެގުނައަށް ފަހުން ހުއްޓެވެ. މާމަމެން ބުނީ ދައްތަގެ ހާލު ރަނގަޅުކަމަށްވާތީ، ދެން މާލެއަށް ނުފުރާ ޗުއްޓީ ނިމެންދެން މަޑުކޮށްލުމަށެވެ. ޗުއްޓީގައި ބާކީ އިނީވެސް އެންމެ ހަތް ދުވަހެވެ. އެހެންކަމުން އެގޮތާއި ބައްޕަމެން ވެސް އެއްބަސްވިއެވެ.
އޭގެ ދެދުވަސް ފާއިތުވީއިރުވެސް ދައްތަގެ އުޅުން ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. ނަމާދެއްނުކުރެއެވެ. އަދި އެހެންމީހަކު ނަމާދު ކުރާތަން ފެނުނަސް ރުޅިއައިސްގެން އެތަނަކުން ދުރަށްދެއެވެ. މީހުންނަށް ކުދިކުދި ޖެއްސުން ކޮށްފައި ހޭން ފަށައެވެ. އެއްދުވަހުގެ ހަވީރުގެ ވަގުތެއްގައި އަހަރެން އިނީ ގެ ކައިރީގައި ހަދާފައި އޮތް މަސްފެންގަނޑަށް ބަލަން ޖޯއްޔެއްގައި އިށީންދެގެންނެވެ. ކުއްލިއަކަށް ދައްތަ އެތަނަށް އައެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ.
ދައްތަ އައިސް އިށީނީ މަސްފެންގަނޑުގެ ފާރުބުރިމަތީގައެވެ. އަދި އަހަންނާއި ދިމާލަށް ބަލަން އިނދެފައި ވަރަށް ބާރަށް ހޭންފަށާފައި މަސްފެންގަނޑު ތެރެއަށް އަތްކޮށްޕިއެވެ. އަހަރެން އިނީ ހައިރާންވެފައި ދައްތަ ކުރާ ކަމެއް ބަލާށެވެ. ކުއްލިއަކަށް މަސްފެންގަނޑު ތެރެއިން މަހެއް ނެގިގޮތަށް ނަގާފައި ދައްތަ އޭތި އަނގަޔަށްލާހަފާލިއެވެ. އޭގެ ލޭތައް ދައްތަގެ ދަތްދޮޅިން ތިރިއަށް އޮހިގެން ދިޔަ މަންޒަރު ފެނުމުން އަހަންނަށް ވީގޮތެއްވެސް ނޭނގުނެވެ. ބިރުން ގޮސް "މަންމާ" އޭކިޔާ އަޑުގެ ނެތްކޮޅަށް ހަޅޭލަވައިގަނެފައި ދުވަމުން ގޭތެރެއަށް ވަނީމެވެ.
އަހަރެން ހަޅޭލަވާ އަޑަށް މަންމަމެން އަހަރެން ކައިރިއަށް އައެވެ. އަދި ވީކީއްތޯ އެހުމުން ވަރަށް ބޮޑަށް އާގަނެގަނެފައި ދައްތަ ކުރި ކަންތަކުގެ ވާހަކަ ކިޔާ ދިނީމެވެ. މަންމައަށް ވެސް ލިބުނީ ޝޮކެކެވެ. ނަމަވެސް މަންމަ ބޭނުންވީ އެކަންތައްގަނޑު އަމިއްލަ ދެލޮލުން ބަލާށެވެ. އެހެންކަމުން އަހަންނާއިއެކު މަންމަ އާއި އެގޭ މާމަ އެމަސްފެންގަނޑާއި ދިމާލަށް ދިޔައެވެ.
އަހަރުމެން ދިޔައިރު ވެސް ދައްތަ އިނީ މަސްފެންގަނޑުގެ ފާރުބުރިމަތީގައި އިށީންދެގެންނެވެ. ނަމަވެސް އަހަރުމެންނަށް ފުރަގަސް ދީގެންނެވެ. މަންމަ އާއި މާމަ ގޮސް ދައްތަގެ ގައިގާ ކޮއްޓާލާފައި ބަލާލިއިރު ފެނުނު މަންޒަރަކުން އަހަންނަށް ހީވީ އަހަރެން އަނބުރައިގަނެގެން ވެއްޓިދާނެހެންނެވެ.
ދައްތަގެ ގައިގާ އެއްވެސް ލެއެއް ނެތެވެ. އަދި އެހިސާބުގައި ވެސް އެއްވެސް ލެއެއް ނެތެވެ. އެހާދިސާ ނުވެސް ހިނގާފަދައެވެ. ދައްތަ އިނީ ހަމަ ރީތިކޮށްކަން އެނގުމުން މަންމަވެސް ހައިރާންވިއެވެ. އަދި އަހަންނާއި ދިމާލަށް ސުވާލު އުފެދިފައިވާ ގޮތަކަށް ބަލާލިއެވެ.
އަހަންނަކަށް ނުހުރެވުނެވެ. ދައްތަ ހަމަ އަސްލުވެސް ރޯމަސް ކެއޭ ބުނެ މަންމަ މެންނާއި ކައިރިވީމެވެ. މަންމަ ދެކޮޅަށް ބޯ ހޫރުވާލާފައި އަހަރެން ގާތު ބުނީ "ދެން އަޅާނުލާ" އެތެރެއަށް ވަނުމަށެވެ. މަންމަ ގެ އަމުރަށް ކިޔަމަންގަނެ އަހަރެން އެތެރެއަށް ވަންނަން ހިނގައިގަތީމެވެ. ފަސް އެނބުރި ދައްތައާއި ދިމާލަށް ބަލާލިއިރު، އޭނާއިނީ ވަރަށް ވެސް 'ނުލަފާ' ގޮތަކަށް ހިނިއައިސް އަހަންނާއި ދިމާލަށް ބަލާށެވެ.
(ހަތަރުވަނަ ބަޔަށް އިންތިޒާރު ކޮށްލަވާ)