އަނިޔާވެރިކަން ނިމޭނެ- މުހިންމީ އެކަމަށް މަސައްކަތްކުރުން: ފައިޞަލް ނަސީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އަނިޔާވެރިކަން ނިމޭނެ- މުހިންމީ އެކަމަށް މަސައްކަތްކުރުން: ފައިޞަލް ނަސީމް
އެއްވެސް ބައެއްގެ ތެރޭގައި އަނިޔާވެރިކަން އަބަދު ނުއޮންނާނެ ކަމަށާއި އަނިޔާވެރިކަން ނިމޭނެ ކަމަށް އަދި މުހިންމީ އަނިޔާވެރިކަން ނިންމުމަށްޓަކައި އެންމެން ވެސް މަސައްކަތްކުރުން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އދިކޮޅު ކޯލިޝަނުން މިރޭ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ފައިޞަލް ވިދާޅުވީ ޤައުމުގައި މައްސަލަތަކެއް އުފެދިގެން މިއުޅެނީ އިންސާފުން ބޭރުން ކަންތައްތައް ކުރަމުން ގެންދާތީ ކަމަށާއި ސަރުކާރުގެ އެފަދަ އަމަލުތައް ހުއްޓުވުމަށް އެންމެ ބޮޑަށް މަސައްކަތްކުރަންޖެހޭ ފަރާތަކީ ރައްޔިތުންގެ މަޖިލީސް ކަމަށެވެ.

ފައިޞަލް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުންތަކަކީ ކުއްލިއަކަށް ކުރިމަތިކުރުވި ކަންބޮޑުވުންތަކެއް ނޫން ކަމަށާއި ކުރިންސުރެ ފެންމަތިވަމުން އައި މައްސަލަތަކެއް ކަމަށެވެ. މަޖިލީހުގެ ތެރެއިން މެންބަރުންގެ ކަންބޮޑުވުންތަކަށް އިޖާބެ ދެމުން އައިނަމަ މިއަދު ކުރިމަތިވެފައިވާ މައްސަލަތައް ކުރިމަތިނުވާނެ ކަމަށެވެ.

ފައިޞަލް ވިދާޅުވީ ތަކުރާރުކޮށް މެންބަރުން އާދޭސްކުރި ނަމަވެސް އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި ގެންދިއައީ ޤާނޫނުތައް ބަދަލުކުރަމުން ކަމަށެވެ. މުއައްސަސާތަކުގައި ތިބި މީހުން ބަދަލުކުރަމުން ދިއައީ ހިތުހުރި ގޮތަކަށް ކަމަށެވެ.

ފައިޞަލް ވިދާޅުވީ ވަކި މީހަކު ނުވަތަ ވަކި ބައަކު ގެންގޮސްގެން ވަކި ގޮތްތަކަކަށް ބަޔާންތައް ނެގި ނަމަވެސް އަނިޔާވެރިކަމާއި ދެކޮޅަށް ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތައް ނުހުއްޓުވޭނެ ކަމަށެވެ. ކަންކަން ނިމިގެންދާނީ ޙައްޤަށް ނަޞްރު ލިބިގެން ކަމަށެވެ.
މިއަދު އޮންލައިން