ދިރާގުގެ ސަބަބުން އެމީހަކަށް ލިބުނު ފައިދާއެއް ބުނެލައިގެން އެންމެ ފަހުގެ 6 އެސް ޕްލަސް ސްމާޓް އައިފޯނެއް ހޯދުމުގެ ފުރުޞަތު ދިރާގުން ދީފިއެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ދިރާގުގެ މާކެޓިންގ، ކޮމިޔުނިކޭޝަންސް އެންޑް ޕަބްލިކްރިލޭޝަންސް މެނޭޖަރ މުޙައްމަދު މިރްޝާން ޙަސަން ވިދާޅުވީ މިފުރުޞަތު ދިރާގުން ހުޅުވާލާފައިވަނީ ދިރާގުގެ ފޭސްބުކް ޕޭޖްގައި ކަމަށެވެ. "އެކަމަށް ޚާއްޞަ ބައިގައި ކޮންމެ މީހަކުވެސް ކޮމެންޓެއް ކޮށްލަންވީ. ކޮމެންޓް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައި ނެގޭ ފަރާތަކަށް އަޅުގަނޑުމެން ފޯނު ހަދިޔާކުރާނީ." މިރްޝާން ވިދާޅުވިއެވެ.
މިރްޝާން ވިދާޅުވީ މިއީ މިއަދު ފާހަގަކުރަމުން ގެންދާ ބައިނަލްއަޤްވާމީ މުވާސަލާތާއިބެހޭ ދުވަހާއި ގުޅުޅުވައިގެން އެކުންފުނިން ހުޅުވައިލި ފުރުޞަތެއް ކަމަށެވެ. އަދި މިފުރުޞަތު ރޭ 12 ޖަހަންދެން ހުޅުވާލެވިފައިވާ ކަމަށެވެ.
މިރްޝާން ވިދާޅުވީ މިއަދާއި ގުޅުވައިގެން ރާއްޖޭގެ ގެސްޓްހައުސްތަކަށް ޚާއްޞަ ޕެކޭޖްތަކެއްވެސް ދިރާގުން މިއަދު ތަޢާރަފްކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ޕެކޭޖްތަކެއް ގެސްޓްހައުސްތަކަށް ޚާއްޞަކޮށްގެން ހުޅުވައިލީ ގެސްޓް ހައުސްތަކުގެ ވިޔަފާރިއަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އަދި މިފަދަ ޚިދުމަތެއް ބޭނުންވާ ފަރާތަކަށްވާތީ ކަމަށެވެ.
ދިރާގަކީ ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުންޏެވެ. އަދި އެންމެ ފުޅައު ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް އެންމެ ގިނަބައަކަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ.