އުރީދޫގެ ސަބްމެރިން ކޭބަލް އެހެންސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ނިންމާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
އުރީދޫގެ ސަބްމެރިން ކޭބަލް އެހެންސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ނިންމާލައިފި
މާލެއާއި ހުޅުލެ އާއި ދެމެދު ގާއިމްކުރެވޭ ބްރިޖް ޕްރޮޖެކްޓަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް މާލެ އާއި ގުޅުވާލަދޭ ލިންކު އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

އުރީދޫ އިން ބުނީ ސަބްމެރިން ކޭބަލް ރީލޮކޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ތެރޭގައި އުރީދޫގެ އެއްވެސް ޚިދުމަތެއް މެދުނުކެނޑޭނެކަން ކަށަވަރުކުރުމަށްޓަކައި، މި ޕްރޮޖެކްޓްގެ ރިޑަންޑަންސީ ޕްލޭންގެ ދަށުން އުރީދޫ އިން ވަނީ ބެކްއަޕް އެއް ގޮތުގައި ކުންފުނީގެ މައިކްރޮވޭވް ނެޓްވަރކްގެ ބޭނުން ހިފާފައި ކަމަށެވެ.

އުރީދޫގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ވަނީ މާލެ އާއިހުޅުލެއާއި ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައި ކަމުން، ހައުސިންގް މިނިސްޓްރީގެ އެދުމާއި އެކު، އުރީދޫ އިން ވަނީ ސަބްމެރިން ކޭބަލް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް 30 މާރޗްގައި ފަށައި، މިއަދު ފުރިހަމަކޮށްފައެވެ.

އުރީދޫ އިން ވަނީ ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލްއެއް އެޅުމަށްޓަކައިވެސް މަސައްކަތް ފަށައިފައެވެ. މި ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލްގެ ސަބަބުން ދިވެހިރާއްޖޭގެ އިންޓަނެޓް ޚިދުމަތުގެ ފެންވަރަށް ފާހަގަކުރެވޭނެ ބޮޑު ކުރިއެރުމެއް ލިބި، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށްވެސް އެއް ފެންވަރެއްގައި، ވަރަށް ފުރިހަމަ ސްޕީޑެއްގައި ފައިބަރ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ އަށް ރާއްޖޭގައި އިންޓަނެޓް ސަރވިސް ޕްރޮވައިޑަރ އެއްގެ ލައިސެންސް ލިބިފައިވުމާއި އެކު، ކައިރި މުސްތަގްބަލެއްގެ ތެރޭގައި އެކުންފުނިން ފިކްސްޑް ލައިން އިންޓަނެޓްގެ ޚިދުމަތްދޭން ފަށާނެއެވެ.






މިއަދު އޮންލައިން